ގއ. މާމެންދޫ
ގއ. މާމެންދޫ
ގއ. މާމެންދޫގައި މިއަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ރޭ ހިންގި ގްރޫޕް މާރާމާރީގައި ވަރަށް ލާއިންސާނީކޮށް މަރާލި ޢުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔުގެ ޕޯސްޓް މޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ، ފެބްރުއަރީ 8 ވަނަ ދުވަހުގެ ރޭ 22:10 ހާއިރު ވަޅީންނާއި ދަގަނޑުބުރިން ޙަމަލާދީ މަރާލި އަޙްމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާ އަށް ފޮނުވާފައިވާ ކަމަށާއި، އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޓްރިވެންޑަރަމްގެ މެޑިކަލް ކޮލެޖް ހޮސްޕިޓަލްގައި ކަމަށެވެ.

އުދައްޔު މަރާލި މައްސަލައިގެ ތުހުމަތުގައި ފަސް މީހުން ހައްޔަރު ކޮށްފައިވާއިރު، އެމީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްދީފައެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި، 18 އަހަރުގެ މީހާއާއި، 25 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ކޯޓުން އިތުރުކޮށްދީފައިވެއެވެ. އަދި މައްސަލައިގެ ތުހުމަތުގައި ފުލުހުން ފުރަތަމަ ހައްޔަރު ކުރި 27 އަހަރުގެ މީހާއާއި، 23 އަހަރުގެ މީހާއާއި، 18 އަހަރުގެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން ދެމީހުން 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކުރިއިރު، އަނެކަކު 10 ދުވަހުގެ މުއްދަތަށް ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔު މަރާލި މާރާމާރީގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު އުދައްޔުގެ ބޭބެ ފިރުޝާން ޒާހިރަށް ގދ. ތިނަދޫ ހޮސްޕިޓަލްގައި އަދިވެސް ގެންދަނީ ފަރުވާދެމުންނެވެ. އޭނާގެ ފުއްޕާމެއަށް ވަނީ ލޭ އެޅިފައެވެ. ނަމަވެސް ޙާލު މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް މަޢުލޫމާތު ލިބެއެވެ.

ގއ. މާމެންދޫ ގައި ތޫނު އެއްޗަކުން ޙަމަލާދީ މަރާލި އަހުމަދު އުދައްޔުގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ޙަމަލާދީފައިވާއިރު ބައެއް ޒަޚަމްތަކުގެ ފުންމިނުގައި ފަސް އިންޗި ހުރި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭނާއަށް ޙަމަލާ ދީފައިވަނީ ބުރަކަށިން ހިތާ ދިމާލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން