ދިވެހިރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް މިހާރު ވެކްސިން ޖަހަމުންދާ ރޭޓުގައި ވެކްސިން ދެވެމުންދާނަމަ ތިންމަސް ދުވަސް ތެރޭގައި ރާއްޖޭގެ އާބާދީގެ 75 އިންސައްތަ މީހުންނަށް ވެކްސިން ދެވޭނެކަމަށް ލަފާކޮށްފިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ވެކްސިން ދެވޭ މިންވަރު ބަލަހައްޓަމުންދާ ބްލޫމްބާގްގެ ވެކްސިން ޓްރެކަރ އިން ހާމަކޮށްފައިވާގޮތުގައި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ވެކްސިން ޖަހާމީހުންގެ އަދަދު އުޅެނީ 4،449 ގައެވެ. މިއަދަދު މިގޮތުގައި ހިފެހެއްޓިއްޖެނަމަ ތިންމަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ 75 އިންސައްތަ މީހުންނަށް ވެކްސިނުގެ ދެޑޯޒު ފުރިހަމަ ކުރެވޭނެއެވެ.

މީގެއިތުރުން ވެކްސިން ދޭން ފަށާފައިވާ ދުނިޔޭގެ އެކި ގައުމުތަކުގެ ތެރެއިން، ވެކްސިން ދިނުމުގައި އާބާދީގެ ނިސްބަތުން ބެލިޔަސް އެހެން ގައުމުތަކާއި އަޅާބަލާއިރު ރާއްޖޭގައި ވެކްސިން ޖަހަމުންދާ އަދަދުތައް މަތީގައި އުޅޭކަމަށް ދުނިޔޭގެ ތަފާސް ހިސާބުތަކުން ދައްްކާފައިވެއެވެ.

މިގޮތުން މިދިޔަ ހަތް ދުވަހުގެ ތެރޭގައި އާބާދީގެ 0.76 އިންސައްތަ މީހުންނަށް ރާއްޖޭގައި ވެކްސިން ދެވިފައިވާކަމަށް ދުނިޔޭގެ ތަފާސް ހިސާބުތަކުން ދައްްކާފައިވާއިރު، ރާއްޖޭގެ ކުރިއަށް އުޅެނީ އެންމެ ހަތަރު ގައުމެވެ. މީގެ ތެރޭގައި ލިސްޓުގެ އެންމެ ކުރީގައި ފާހަގަކޮށްލެވެނީ އާބާދީގެ 1.35 އިންސައްތަ މީހުންނަށް ވެކްސިންދިން އިޒްރޭލާއި، އާބާދީގެ 1.07 އިންސައްތަ މީހުންނަށް ވެކްސިންދިން ޔޫއޭއީއެވެ. މިތަފާސްހިސާބުގައި ރާއްޖޭގެ ކުރިއަށް ދެން ހިމެނެނީ އާބާދީގެ 0.95 އިންސައްތަ މީހުންނަށް ވެކްސިންދިން ޗިލީގެ އިތުރުން، އާބާދީގެ 0.86 އިންސައްތަ މީހުންނަށް ވެކްސިންދިން ސާރބިޔާއެވެ.

މިލިސްޓަކީ މިދިޔަ ހަތް ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ގައުމުތަކުގެ އާބާދީގެ ނިސްބަތުން ބަލައި ވެކްސިން ދެވިފައިވާ މިންވަރު ދައްކުވައިދޭ ލިސްޓެކެވެ. އަދި މިލިސްޓުގެ ކުރީގައި ރާއްޖެ ހިމެނިގެން ދިޔުމަކީ ކޮވިޑުން ރައްކާތެރިވުމަަށް ފެށިފައިވާ ވެކްސިން ޖެހުމުގެ ކެމްޕޭނަށް ލިބެމުންދާ ބޮޑުތަރުހީބުގެ އަސްލެވެ.

ސިއްހަތާބެހޭ މާހިރުން ލަފާކުރާ ގޮތުގައި އާބާދީގެ 75 އިންސައްތައަށް ވެކްސިން ދެވިއްޖެ ނަމަ އާންމު ހާލަތަކަށް ދިރިއުޅުން ބަދަލު ކުރެވޭނެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އިއްޔެއާއި ހަމައަށް ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން ޖުމްލަ 43،817 މީހަކު ވެކްސިން ޖަހައިފައިވެއެވެ. މީގެ ތެރެއިން އިއްޔެ އެކަނިވެސް 5،204 މީހަކު ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދެވެމުންދާ ވެކްސިން ދިނުމުގެ ކެމްޕޭނު "ކޯވިޑް-19 ދިފާޢު" ރަސްމީކޮށް ފައްޓާފައިވަނީ ފެބްރުއަރީމަހު އެއްވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ ކެމްޕޭނުގައި އަދި ބޭނުންކުރަމުން ދަނީ އިންޑިޔާއިން ހަދިޔާކޮށްފައިވާ ކޮވިޝީލްޑު ވެކްސިނެވެ. ކޮވިޝީލްޑު ވެކްސިނުގެ އިތުރުން ޗައިނާގެ ސިނޮފާމް ކުންފުނިން އުފައްދާފައިވާ ވެކްސިނުގެ 5000 ޑޯޒުވެސް ރާއްޖެއަށް ލިބިފައިވާކަމަށް އެޗްއީއޯސީއިން ހާމަކޮށްފައިވެއެވެ. ކޮވިޝީލްޑު ވެކްސިނެކޭ އެއްފަދައިން ސިނޮފާމް ވެކްސިންވެސް ރާއްޖޭގައި ބޭނުން ކުރެވެން ފަށާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީގެ ހުއްދަލިބުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން