ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ފުރިހަމަ ތަރައްޤީއެއް ރާއްޖެއަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާއަށް ރައީސްކަމުގެ ދެ ދައުރު ފުރިހަމަކުރުމަށް ފުރުސަތު ދޭންޖެހޭކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވީ ޓީވީ ޕްރޮގުރާމެއްގައި މިއަދު ހެނދުނު ވާހަކަދައްކަވަމުންނެވެ.

މަބްރޫކް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު މިހާރު ހިނގާގޮތުން ތަރައްޤީ ގެނައުމުގައި ލަސްތަކެއް ކުރިމަތިވާކަމަށާއި 5 އަހަރުގެ އެއް ދައުރަށްވުރެ ދިގުކޮށް މިހާތަނަށް އައިއިރު ރާއްޖޭގެ ޑިމޮކްރަސީގައި ވެރިކަން ކުރެވިފައި ނުވާއިރު، މި މުއްދަތަކީ ތަރައްޤީ ގެނައުމަށް އެންމެ އެކަށޭނަ މުއްދަތެއް ނޫންކަމަށެވެ.

އެކަން މިސާލުން ދައްކަވަމުން މަބްރޫކް ވިދާޅުވީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ފުރަތަަމަ ދައުރުގެ ހަތަރު އަހަރުގައި މާގިނަ ކާމިޔާބީތަކެއް ޙާސިލުނުވުމުން އޮބާމާއަށް ފާޑުކިޔުންތައް އަމާޒުވި ކަމަށެވެ. އެކަމަކު ދެވަނަ ދައުރުގައި އޮބާމާ ގެންނެވި ތަރައްޤީގެ އަވަސް ފިޔަވަޅުތަކަކީ އެމަނިކުފާނުގެ ވެރިކަން ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރާ މައިގަނޑު ސަބަބުކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި ރައީސްކަމުގެ ދެ ދައުރު ފުރިހަމަކޮށްގެން ނޫނީ ތަރައްޤީ އެންމެ ފުރިހަމަގޮތުގައި ނުގެނެވޭނެ. އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ އެންމެ ދިގު މުއްދަތަކަށް ވެސް ވެރިކަމުގައި ހުންނެވުނީ 5 އަހަރަށްކަން. މި ފަސް އަހަރުގެ ތެރެއިން ފުރަތަމަ އަހަރު ވެރިކަމުގެ ސިސްޓަމަށް އަހުލުވެރިވުމަށް ނަގާއިރު ފަހު އަހަރު ކެމްޕޭންކުރުމަށް މިދެނީ. ޑެލިވަރީއަށް ދޭ މުއްދަތު ވަރަށް ކުޑަ އެހެންނޫންތޯ." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ދެދައުރު ވެރިކަން ކުރަން ފުރުސަތު ލިބިއްޖެނަމަ ފަހު ދައުރުގައި ކަންކަން ޑެލިވަރީ ކުރުން ފިޔަވައި އިތުރު އެއްވެސް ކަމެއް ކުރަން ވިސްނަން ނުޖެހޭނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ އަދުގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހް ދެވަނަ ދައުރަކަށް ވާދަކުރައްވާނެކަން އެނގިގެންދާނީ ކުރިއަށް އޮތް އަހަރެއްހާދުވަހުގެ ތެރޭގައި ކަންކަން ވާގޮތުންކަމަށެވެ. ނަމަވެސް ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށް ކުރާ ކެމްޕޭންގައި ބައިވެރިވަޑައިގަތުމަށް ބޭނުންވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކްވަނީ ރައީސް ޞާލިޙަކީ ވަރަށް ދުރު ވިސްނުންފުޅެއް ގެންގުޅުއްވާ، އެންމެންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާ ބޭފުޅެއްކަމަށް ސިފަކުރަށްވާފައެވެ. އަދި ކޯވިޑް-19ގެ ބިރުވެރި ޙާލަތުގައި ވެސް އެންމެން ބިރުން އުޅުނު އިރު ރައީސް ޞާލިޙްގެ ކިބައިން ފެނިގެން ދިޔައީ ތަޖުރިބާކާރުންގެ މަޝްވަރާއާއެކު ޙިކްމަތްތެރިކަން އިސްކުރެއްވިތަން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރައީސް ޞާލިހަށް ވެރިކަމުގެ ދެދައުރު ބޭނުންވާ ކަމަށް ސިފަވާ މޭރުމަކުން ރައީސް އޮފީހުގެ ތަރުޖަމާން، މަބްރޫކް ވާހަކަ ދެއްކެވި ނަމަވެސް ރައީސް ޞާލިޙުވެސް އަދި އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީން ވެސް ރައީސް ޞާލިޙު ވެރިކަމުގެ ދެވަނަ ދައުރަކަށް ނުކުންނަވާނެ ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ކިނބޫ

20-Feb-2021

ޖެހެއޭ! ނާ ހަމަ ތެދެއް!? ހާދަ ވަރުގަދަ އަމުރެއް ތިކޮށްލީ. ބިރުން ފިއް ކެނޑޭވަރު ވެއްޖެ. ދޭން ޖެހެއޯ! އަޖައިބެއްނު.


-1

މަޖުބޫކު

18-Feb-2021

މި ރައީސް ގެ އުމުރު ނިމެންދެން ރައީސް ކަމުގަ ބެހެއްޓެން ޖެހޭ ކަމަށް ދެކޭން. ހާދަ ހުޝިޔާރު ގާބިލު ބޭފުޅެކޭ .


6

ސޮރީ

18-Feb-2021

ނޯނޯނޯ. ތިކަމުގަ ވަރަށް ބޮޑަށް ސޮރީ. މަވާ ސަލާމް.



ޓްރެންޑިން