މާލޭ ވިޔަފާރި ބަނދަރު
މާލޭ ވިޔަފާރި ބަނދަރު
މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ މަސައް ކުރަނިކޮށް ޓާފް ރޯލެއް ވެއްޓި އަނިޔާތަކެއް ލިބިގެން ފަރުވާދެމުން ދިޔަ ޒުވާނާ ރޭގައި ނިޔާވެއްޖެއެވެ.

ޓާފް ރޯލް ވެއްޓި އަނިޔާވި ހދ. ނޮޅިވަރަމް، ނައިޓް ޑްރީމް، އިމްރާން ޢަލީ، 28، ނިޔާވީ އިންޑިއާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށެވެ. އިމްރާނަށް ފުރަތަމަ ފަރުވާ ދިނީ އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އެއަށްފަހު އިންޑިއާއަށް ގެންގޮސް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގެ އައި.ސީ.ޔޫގައި ފަރުވާދެމުންދަނިކޮށް އިމްރާން ނިޔާވީ ރޭ ދަންވަރު 1:30 ހާއިރު ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މިހިނގާ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި މާލޭ ވިޔަފާރި ބަނދަރުގައި ހިނގި މިހާދިސާގައި އަނިޔާވި އިމްރާނަކީ "މިނާ އިންވެސްޓްމަންޓް“ ގުރޫޕުގައި މަސައްކަތްކުރަމުންދިޔަ ޒުވާނެކެވެ. މި ހާދިސާ ހިނގާފައި ވަނީ ޓާފް ރޯލްތަކެއް ކެރޭނަކުން ޕިކަޕަށް ލޯޑުކުރުމުގެ ތެރޭގައި ކާޕެޓް ރޯލެއް ވެއްޓިގެންނެވެ.

މިފަހަކަށް އައިސް މާލޭ ވިޔަފާރި ބަނދަރުގައި މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިދިޔަ ޖަނަވަރީ މަހުގެ 7 ވަނަ ދުވަހު ކޮންޓެއިނަރ އަކުން ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި އަނިޔާވި ޒުވާނަކު ވެސް ވަނީ ނިޔާވެފައެވެ.

މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ އެމްޕީއެލް ސަރަހައްދުގައި ހިނގި މިހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގްކޮށް، ޒިންމާވާން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އެމްޕީއެލުން ބުނެފައިވެއެވެ. ނަމަވެސް މިހާދިސާގެ ތަހުގީގު މިހާރު ގޮސްފައިވާ ހިސާބެއް، ޒިންމާވާ ފަރާތްތަކާ މެދު އެޅުނު ފިޔަވަޅެއް ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން