އިދިކޮޅުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އިއްޔެގެ މުޒާހަރާއިން ހަތް މީހުން ފުލުހުން ހައްޔަރު ކުރި ކަމަށާއި އޭގެ ތެރެއިން މިވަގުތާ ހަމައަށް ތިން މީހަކު އަދިވެސް ހައްޔަރުގައި އެބަތިބި ކަމަށް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

“ރަސް އޮންލައިން” އާ ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ އިއްޔެގެ މުޒާހަރާ ވެސް ކުރިއަށް ގެންދިޔައީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ގައިދުރުކޮށްގެން ކުދި ކުދި ގްރޫޕްތައް ހަދައިގެން ކަމަށެވެ. ނަމަވެސް މުޒާހަރާއަށް ނުކުތް މީހުންނާ ނުބައްދަލު އަދަދަކަށް ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށް މުޒާހަރާގެ ހަތް ބައިވެރިއަކު ހައްޔަރު ކުރި ކަމަށް ހީނާ ވަލީދު ވިދާޅުވިއެވެ. އިއްޔެ ހައްޔަރުކުރި 7 މީހުންގެ ތެރޭގައި 3 ކަނބަލުންނާއި ކުރީގެ މަޖްލިސް މެންބަރު މުހައްމަދު އިސްމާއީލް ހިމެނޭ ކަމަށް ހީނާ ވިދާޅުވިއެވެ.

“އިއްޔެ ހައްޔަރު ކުރި 3 ކަނބަލުން ރޭ ދަންވަރު ދޫކޮށްލައިފި. މިހާރު ހައްޔަރުގައި ތިބީ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލާއި އާންމު ދެ މެންބަރުން. މުހަންމަދު އިސްމާއީލް ރޭ ބަލިވެގެން ފަރުވާއަށް ހޮސްޕިޓަލަށް ގެނައި ނަމަވެސް އޭނާއަނބުރާ އަލުން ހައްޔަރަށް ވަނީ ގެންގޮސްފަ.” ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ މުޒާހަރާގެ ބައިވެރިން ގޮވާލަނީ ރައީސް ޔާމީނަށް އިންސާފު ހޯދައި ދިނުމަށާއި ބޭއިންސާފުން މިހާރު ދޫކޮށްފައިވާ ހިޔާ ފްލެޓްތަކުގެ މައްސަލަ ހައްލުކޮށްދިނުމަށެވެ.

“ކިތަންމެ ވަރަކަށް ހުރަސް އެޅިޔަސް ކިތަންމެ އަނިޔާއެއް ލިބުނަސް އަދި ކިތަންމެ ބަޔަކު ހައްޔަރުކުރިޔަސް މުޒާހަރާގެ ބައިވެރިން ތިބީ މިކަން ހުއްޓާލާ ގޮތަކަށް ނޫން. މިހާރު ހައްޔަރުގަ ތިބިމީހުން ވެސް ހަމަ ދޫކޮށްލާއިރަށް މިއަދު ވެސް ނުކުންނާނެ. އެމީހުން ތިބީ ދޫދޭ ގޮތަކަށް ނޫން. އެމީހުންގެ ހިތްވަރެއް ވެސް ނޭލޭ.” ހީނާ ވަލީދު ވިދާޅުވިއެވެ.

ފުލުހުން ބުނަނީ މުޒާހަރާ ހުއްޓުވަނީ އެޗްޕީއޭގެ އުސޫލުތަކާ ޚިލާފަށް މުޒާހަރާ ކުރާތީ ކަމަށެވެ. އަދި އެޗްޕީއޭގެ އުސޫލުތަކާ ޚިލާފުވެގެން އިދިކޮޅުގެ އިސް ބައެއް ބޭފުޅުން ޖޫރިމަނާ ކޮށްފައި ވެސް ވެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެންބަރުން ބުނަމުން ދަނީ ޕީޕީއެމް / ޕީއެންސީގެ މެންބަރުން މާލޭގައި ކުރިއަށް ގެންދާ މި މުޒާހަރާ ތަކަކީ ގަސްތުގައި ކޮވިޑް ފަތުރަން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


7

ފަވާދު

18-Feb-2021

ހީނާ މޮޔަވެބަލަ. ގޭގަ އޮއްވަތަ ހައްޔަރުކުރީ. ހާދަ ގަދަވެސް ވާ އަންހެނެކޭ ދޯ. ނެރޭނެ ނަމަ މިހާރު އޮންނާނި ޔާމިން ވެސް ނެރެފަ.



ޓްރެންޑިން