ދިވެހިރާއްޖޭގައި އިންޑިއާ ސިފައިންގެ ޑޯނިއާ-228 މަރުކާގެ މަތިންދާބޯޓު އޮޕަރޭޓުކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކަރާ ދެމެދު ވެވިފައިވާ އެއްބަސްވުން ހާމަކުރަން ނުޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒް މޫސާ ވިދާޅުވެއްޖެއެވެ.

ފިޔާޒް މިހެން ވިދާޅުވީ އެއްބަސްވުމުގެ ކޮޕީއެއް ހޯދަން ނޫސްވެރިޔަކު ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން އެ މައުލޫމާތު ނުދީގެން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައެޅުމުންނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ބޭއްވި އަޑު އެހުމެއްގައި ފިޔާޒް ވިދާޅުވީ އެ އެއްބަސްވުން "ހާމަކުރުމަށްވުރެ ނުކުރުމުން ރައްކާތެރިކޮށްދޭ މަސްލަހަތު ބޮޑު" ކަމަށެވެ. އެއްބަސްވުން ހާމަކޮށްފިނަމަ ރާއްޖޭގެ ސިޔާދަތަށް ގެއްލުން ވާނެ ކަމަށާއި އެކަމަކީ ޤައުމީ ސަލާމާތާއިވެސް ގުޅުން ހުރި ކަމެއް ކަމުގައި އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވިއެވެ.

މީގެ އިތުރުން އެ އެއްބަސްވުން ހާމަކޮށްފިނަމަ ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުމަށް އަސަރު ކުރާނެ ކަމަށްވެސް އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒް ވިދާޅުވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އެއްބަސްވުން ހާމަކުރަން އެދުނު ފަރާތައް އޮންނާނެއެވެ.

މި އެއްބަސްވުން ހާމަނުކުރަން ނިންމި އިރު، ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނާއި ގުޅޭ އެއްބަސްވުމުގެ މައުލޫމާތު ވެސް ހާމަކުރަން ނުޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރ ފިޔާޒް މީގެ ކުރިން ވިދާޅުވެފައިވެ ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން