ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް
ޓައި އަޅާފައި ހުއްޓަސް ހުތުރު ބަހުން ވާހަކަ ދައްކަން އެނގިވަޑައިގަންނަވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އޭނާއާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހަގީގަތެއް ނެތް ދޮގު ވާހަކަ ދައްކަވާ ކަމަށް ވިދާޅުވެ އޭނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ދެއްކެވި ވާހަކަފުޅެއްގެ ތެރޭގައެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގެ ސުވާލު ކުރުމުގެ ވަގުތުގައި މޮސްޓާ ކުރެއްވި ސުވާލަކަށް ޖަވާބުދާރީވަމުން އަސްލަމް ވިދާޅުވީ މޮސްޓާ އާ މެދު ވެސް ވަރަށް ފާޑުފާޑުގެ ވާހަކަ އިވިވަޑައިގެންފައިވާ ކަމަށެވެ. އަދި ޓައި އަޅާފައި ހުއްޓަސް ހުތުރު ބަހުން ވާހަކަ ދައްކަވަން އެނގިވަޑައިގަންނަވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މެމްބަރު ނަޝީދު ސުވާލު ކުރެއްވީ ފަރެސްމާތޮޑާ އެއާޕޯޓުގައި ހުރި ރުއްތަކާ މެދު މިނިސްޓަރު އަސްލަމް ކަންތައް ކުރެއްވީ ކިހިނެތްތޯ އެވެ.

މޮސްޓާގެ ސުވާލު ވަކި ހިސާބަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުއްޓުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ މައުޟޫއާ ނުގުޅޭ ސުވާލު ކުރަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"ފަރެސްމާތޮޑާ އެއާޕޯޓް ހަދާ ތަނުގައި ހުރި ރުއްތައް ގެނެސްފަ މަނިކުފާނު ކިހިނެއްތޯއޭ އެ ރުއްތަކަށް ހެދީ؟ ވިއްކާލީތޯ އޭ؟ އެއިން ލިބުން ލާރިތޯއޭ ދުބާއީއަށް ޕައިލެޓެއްލައްވާ ތި ފޮނުވީ؟" މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާގެ އެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ދައްކާ އެއްވެސް ވާހަކަައެއްގެ ސަބަބުން ގާނޫނީ ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ. އެހެންކަމުން އޭނާއާ މެދު އަސްލެއް ނެތް ވާހަކައެއް ދައްކާ ނަމަ އެ ވާހަކަތައް އޮޅުންފިލުވައި ދޭން ޖެހޭ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އެގޮތުން މިނިސްޓަރު އަސްލަމް ވިދާޅުވީ އޭނާ ރުއްތަކެއް ވިއްކާލި ކަމަށް ކުރާ ތުހުމަތުތަކަކީ ހަގީގަތެއް ނެތް ޚިޔާލީ ވާހަކަތަކެއް ކަމަށެވެ. އަދި ފަރެސްމާތޮޑާގެ އެއާޕޯޓްގެ ރަންވޭ އަޅާ ސައިޓުން ރުކާއި ގަސް ނެގުމަށް ފަހު އެތަން ސާފުކުރީ ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގެ ދަށުން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"ދުބާއީއަށް މީހަކު ފޮނުވި ވާހަކަ، ޕައިލެޓަކު ފޮނުވި ވާހަކަ. ކޮންމެފަދަ ވާހަކައެއްވެސް އިއްޒަތްތެރި މެމްބަރާއި ގުޅޭގޮތުން އަޅުގަނޑަށް ވެސް ދެއްކިދާނެ. އިއްޒަތްތެރި މެމްބަރާއި ބެހޭގޮތުން މާލެތެރޭގައި އިވޭ އަޑުތައް އަޅުގަނޑަކަށް މަދެއްނޫން. އެވާހަކަ އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މި ފްލޯގައި ދައްކާކަށް އަޅުގަނޑު ނެތިން. އެހެންވީމަ އިއްޒަތްތެރި މެމްބަރުން އެގޮތަށް އަޅުގަނޑުމެންނާ ވާހަކަ ނުދައްކަވާތި. އަޅުގަނޑުމެންނަކީ ވެސް މި މާލޭގައި ބޮޑުވެފައި ތިބި މީހުން. މާރީތިކޮށް މިހެން ޓައީ އަޅާފަ ތިއްބަސް ހުތުރުބަހުން ވާހަކަދައްކަން ވެސް އަޅުގަނޑަށް އެނގޭ." އަސްލަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން