ޤާޟީ ޙަސަން ސަޢީދު (ކ)
ޤާޟީ ޙަސަން ސަޢީދު (ކ)
މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވުނު ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލި ޤާޟީގެ މައްސަލަ ޖޭއެސްސީން ބަލަން ފަށައިފިއެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކުރި ކްރިމިނަލް ކޯޓުގެ ޤާޟީ ޙަސަން ސަޢީދުގެ މައްސަލަ ޖޭއެސްސީ އަށް ހުށައަޅާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ.

ޙަސަން ސަޢީދުގެ މައްސަލަ ބަލަން ފަށާފައިވާކަން ހާމަކޮށް ޖޭއެސްސީން ނެރެފައިވާ ބަޔާނުގައި ވަނީ، ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޤަޟިއްޔާތަކެއްގައި ދަޢުވާލިބޭ ފަރާތް ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރު ބާޠިލުކުރުމަށް އެ ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު އަމުރު ނެރުއްވި މައްސަލަ ތަޙްޤީޤު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި މިއީ، ފާޅުކަންބޮޑު ގޮތެއްގައި ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތުތަކާ ޚިލާފަށް އަމަލުކޮށްފައިވުމާއި، އެ އަމުރު ނެރުމުގައި ދަޢުވާލިބޭ ފަރާތުގެ މައްޗަށް ޤާނޫނު ހިންގުމަށް ހުރަސްއެޅޭގޮތަށް އަދި ޖިނާޢީ ދަޢުވާލިބޭ އެހެން ފަރާތްތަކާ މެދު ޢަމަލުކުރާ ގޮތާ ތަފާތުގޮތަކަށް ކަންކޮށްފައިވުމާއި އަދި އެ އަމުރު ނެރުމުގައި ޢަދުލުއިންސާފު ޤާއިމްކުރުމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ދަޢުވާ ލިބޭ ފަރާތަށް ނާޖާއިޒް މަންފާ ހޯދައިދިންކަމަށް ބެލެވޭ ސުލޫކީ މައްސަލައެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެކަމަށްޓަކައި މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި އެ މައްސަލަ ބެލުމަށް ތަޙުޤީޤު ކޮމިޓީ އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އަލީ ވަޙީދުގެ މައްޗަށް 7 ދަޢުވާއެއް ކޮށްފައިވެއެވެ. އަދި މިމަސައްލައިގެ އެންމެ ފަހުގެ އަަޑުއެހުމުގައި އަލީ ވަޙީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު މުރާޖަޢާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކޯޓުން ނެރުނު އަމުރު ބާތިލްކޮށް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި އަލީ ވަހީދުގެ ޕާސްޕޯޓް ކޯޓުން ވަނީ ދޫކޮށްލާފައެވެ. އަދި އެ މައްސަލަ ޕީޖީ އޮފީހުން މިހާރުވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން