ރ. ކިނޮޅޮހުގައި ކުނި އެޅުމަށް ބެހެއްޓިފައިވާ ޑަސްބިން. (ފޮޓޯ: ބީއެމްއެލް)
ރ. ކިނޮޅޮހުގައި ކުނި އެޅުމަށް ބެހެއްޓިފައިވާ ޑަސްބިން. (ފޮޓޯ: ބީއެމްއެލް)
ރ. ކިނޮޅޮހުގައި ކުނި މެނޭޖް ކުރުމުގެ ސިސްޓަމްގައި ހިމެނޭ އެކި ބާވަތުގެ ކުނި ވަކިކުރުމާއި އާންމު ތަންތަނުގައި އުފެދޭ ކުނި ފަސޭހަކަމާއެކު މެނޭޖްކުރުމަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގި ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ޕްރޮޖެކްޓު ހިންގުމަށް އެރަށު ވާފިރު އަޙްމަދު ޕްރޮޕޯސަލް ހުށަހެޅިއިރު ކިނޮޅަހުގެ ކައުންސިލުން އައީ ރަށުގެ އެންމެހައި ގޭބިސީތަކުން ކުނި ނަގައި ދުވަހުން ދުވަހަށް ކުނި މެނޭޖް ކުރަމުންނެވެ. ނަމަވެސް ރަށުގެ އާންމު ތަންތަނުގައި މި މަސައްކަތް ކުރުމަށް އޮތީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. ކުނި ވަކިކޮށް އަދި ކުނި އެޅުމަށް ހާއްސަ ގޮތްތަކެއް ނެތުމުގެ ސަބަބުންނެވެ.

މި ޕްރޮޖެކްޓްގެ ދަށުން ރަށުގެ 5 ސަރަހައްދެއްގައި މިހާރުވަނީ އެކި ބާވަތުގެ ކުނި އެޅުމަށް ހާއްސަ ޑަސްބިންތަކެއް ބެހެއްޓިފައެވެ. މިއާއެކު މުޅި ރަށުގެ ކުނި ނައްތާލުމުގެ ޕްރޮޖެކްޓަށް މިވަނީ އިތުރު ފުރިހަމަކަމެއް ލިބިގެންގޮސްފައެވެ.

"ބަނދަރުސަރަހައްދާއި އާންމު ތަންތަނުގައި އުފެދޭ ކުނިތައް ވަކިކޮށް އެ ކުނި އެޅުމަށް ޑަސްބިން ބެހެއްޓިގެން ދިޔުމާއެކު މިރަށުގެ ކުނި މެނޭޖްކުރުމަށް މިވަނީ ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިފަ. އަދި މިއީ ރަށަށް ލިބިގެންދާ ޒީނަތްތެރިކަމެއްވެސްމެ. މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކީ ނިންމާލުމުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. ބީއެމްއެލް އިން މި ފަދަ ފުރުސަތެއް ދެއްވިކަމަށްޓަކައި ބޭންކަށްވެސް ހާއްސަ ޝުކުރެއް ދަންނަވަން. އަޅުގަނޑުގެ އުއްމީދަކީ "ރީތި ކިނޮޅަސް، މަގޭ ކިނޮޅަސް" މި ޝިއާރާ އެއްގޮތަށް އެންމެހާ ބޭފުޅުންގެ އެއްބާރުލުން ލިބިގެންދާނެކަމަށް." ޕްރޮޖެކްޓާ ބެހޭގޮތުން ވާހަކަ ދައްކަމުން ޕްރޮޖެކްޓުގެ ޕްރޮޕޯޒަލް ހުށަހެޅި ވާފިރު އަޙްމަދު ފާހަގަކުރިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. ބޭންކުން މިހާރު ވަނީ ކޮމިއުނިޓީ ފަންޑު ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މާރިޗު މަހުގެ 6 ވަހަ ދުވަހާ ހަމަޔަށް ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން