އިންސާފު ލިބެން ފެށުމުން ގައުމު ހަމައަކަށް އެޅޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ދައުވާ އުފުލުނު އަދަދު މިދިޔަ އަހަރު 65 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި އެއީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވުން ކަމުގައި ގަބޫލުކުރައްވާ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވުމާއި ގުޅިގެންނެވެ.

"ސިއްރުކޮށް ނުވަތަ ނުފޫޒުން މައްސަލަތައް އޮއްބާލެވުނު ޒަމާން ފާއިތުވެ ދަނީ! އިންސާފް ލިބެން ފެށުމުން ގައުމު ހަމައަކަށް އެޅޭނެ!" ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި އިންސާފު ނުލިބޭ ކަމުގެ އެންމެ ޝަކުވާ ބޮޑުވި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ވޭތުވެދިޔަ އަހަރު ހޯދުނު ކުރިއެރުން އަމިއްލަ ބްލޮގުގައި ހިއްސާކުރައްވަމުން ޝަމީމް ވިދާޅުވީ 2019 ގައި ޕީޖީ އޮފީހުން ކޯޓުތަކަށް ހުށަހެޅާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 142 ދައުވާ ކަމަށާއި މި މައްސަލަތަކުގައި ދައުވާ އުފުލާފައިވަނީ 102 މީހެއްގެ މައްޗަށް ކަމަށެވެ.

ހިސާބުތައް އާންމުކުރައްވައި ޕީޖީ ވިދާޅުވި ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތަފާތު 29 ބާވަތެއްގެ 232 ދައުވާ މިދިޔަ އަހަރު ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި މި މައްސަލަތަކުގައި މަހަކު އެވްރެޖްކޮށް 19 މައްސަލަ ކޯޓަށް ހުށަހަޅައި 169 މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ތަހުގީގު ރަނގަޅު ކުރެވި ދައުވާ ކުރެވޭ ވަރަށް ހެކި ވެސް ހޯދޭ ކަމަށެވެ. އެކަމަކު ކުރިއެކޭ އެއްގޮތަށް ކޯޓުތަކުގައި މައްސަލަތައް އެކަށީގެންވާ ވަރަށް ނުހިންގޭކަމަށްވެސް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން