ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް
ކޯޓުގައި އޮތް މައްސަލައެއްގައި މީހަކު ފުރުން މަނާކުރަން ޕާސްޕޯޓު ހިފަހައްޓަން ޕީޖީއަށް އަމުރަކަށް އެދެވޭނީ ގާނޫނު ތަންފީޒު ކުރާ އިދާރާ މެދުވުރިކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމުން، އެކަމަށް ޙައްލު ހޯދުމަށް ޤާނޫނަށް އިސްލާޙް ގެނައުމަށް ބަންޑާރަ ނާއިބާއި މަޝްވަރާ ކުރާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ކުރީގެ ނައިބުރައީސް ޢަބްދުﷲ ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލްކުރުމުން ދަޢުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިޢުނާފް ކުރުމާ ގުޅިގެން ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުން މިއަދު ކުރެއްވި ހުކުމުގައި ބުނެފައިވަނީ، ކޯޓުގައި އޮތް މައްސަލައެއްގައި މީހަކު ފުރުން މަނާކުރަން ޕާސްޕޯޓު ހިފަހައްޓަން ޕީޖީއަށް އަމުރަކަށް އެދެވޭނީ ގާނޫނު ތަންފީޒު ކުރާ އިދާރާ މެދުވުރިކޮށް ކަމަށެވެ.

އެކަމާ ގުޅިގެން ޕީޖީ ޝަމީމް ވިދާޅުވީ، ފުރުން މަނާކުރުމުގެ އަމުރާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ނިންމުމަށާއި މާނަ ކުރެއްވުމަށް އިޙްތިރާމް ކުރަށްވާ ކަމަށާއި، އަދި ޢަމަލީ ގޮތުން ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ޤާނޫނަށް ގެނެވޭނެ އިޞްލާޙެއް އޮތްތޯ ބަލަން ބަންޑާރަ ނައިބާ މަޝްވަރާ ކުރަށްވާނެ ކަމަށެވެ.



ސުޕްރީމް ކޯޓުގެ ޙުކުމްގައިވަނީ، މި މައްސަލާގައި ޖިހާދު ފިއްލަވައިގެން ހިނގައިދާނެ ކަމަށް ބެލެވޭ ހެއްކެއް ދައުލަތަށް ހުށަހެޅިފައި ނުވާ ކަމަށެވެ. އަދި ޖިހާދަކީ ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅަކަށް ވާތީ އޭނާއަށް ރާއްޖެއިން ބޭރުގައި ފިއްލަވައިގެން އުޅެވޭނެ ކަމަށް ދައުލަތުން ބުނުމަކީ އޭނާ ފިލާފާނެ ކަމަށް ބެލެވޭނެ ސަބަބެއް ނޫން ކަމަށް ހުކުމުގައިވެއެވެ. ޖިހާދު ފުރުމުގެ ހުއްދައަށް އަމިއްލައަށް އެދުމުން ކޯޓުން ގޮތެއް ނިންމަން ޖެހޭނީ ފުރުމުގެ ހުއްދަ ދިނުމާއި ނުދިނުމާ މެދު ކަމަށާއި، އެ ހާލަތުގައި ޕާސްޕޯޓު ހިފަހައްޓަން އަމުރު ނުކުރެވޭނެ ކަމަށްވެސް ސުޕްރީމް ކޯޓުން ނިންމަވާފައިވެއެވެ.

ޖިހާދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް އެދުނީ، ދުބާއީގައި ކިޔަވަން ގޮސް ތިބި އޭނާގެ ދަރިންނާއި ބައްދަލުކުރުމަށާއި، އޭނާގެ އަމިއްލަފުޅު ބޭސްފަރުވާއަށެވެ. ޖިހާދު ކޯޓަށް ޑޮކްޓަރުންގެ ލިޔުންތައް ހުށަހަޅައި އަދި އޭނާ އާއި ޖާމިނުވާނެ މީހަކު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވުމުން ވެސް އޭނާއަށް ރާއްޖެ އިން ބޭރަށް ފުރައިގެން ދެވޭނެ ގޮތް ހަދަން ދައުލަތުން ވަނީ ދެކޮޅު ހަދާފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އައިޝާ ޝުޖޫން އެވެ. ފަނޑިޔާރުންގެ ބެންޗްގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން