ސަރުކާރު ކޯލިޝަންގެ ބައިވެރިން
ސަރުކާރު ކޯލިޝަންގެ ބައިވެރިން
ސިޔާސީ ޕާޓީތަކުން އެއްޕާޓީން އަނެއް ޕާޓީއަށް ވާގިވެރިވުމަށާއި ރައީސުލްޖުމްހޫރިއްޔާ ކެބިނެޓް އެކުލަވާ ލުމުގައި ވެސް ސިޔާސީ ޕާޓީ ތަކުގެ މެދުގައި އެއްބަސްވުން ހެދުންފަ ކޯލިޝަން އެއްބަސްވުން ތަކަށް ރައީސުލްޖުމްހޫރިއްޔާ އިހުތިރާމް ކުރެއްވުމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށް ދައުލަތުގެ ބަންޑާރަނާއިބު އިބްރާހީމް ރިފްއަތު ވިދާޅުވެ ދެއްކެވި ވާހަކައަކީ މުޅިއަކުން ރަނގަޅު ވާހަކައެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އިއްޔެގެ ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭޖީ ރިފްއަތު ވިދާޅުވީ ސިޔާސީ ޕާޓީ ތަކުން އެއްބާރުލުން ދިނުމަށް ހަދާ އެއްބަސްވުންތަކާއި ރައީސް އެކުލަވާލައްވާ ކެބިނެޓް އެކުލަވާ ލުމުގައި އެހެން ޕާޓީއަކާއެކު ހަދާ އެއްބަސްވުމަށް އަމަލު ކުރުމުގައި ގާނޫނު ހުރަހެއް ނާޅާ ކަމަށެވެ. އޭޖީގެ މިބަހަށް ރައްދު ދެއްވަމުން ޑރ. އަބްދުﷲ ދީދީ ވިދާޅުވީ ކޯލިޝަން ސަރުކާރަކީ ރިޔާސީ ނިޒާމު ދަންނަ މަފްހޫމެއް ނޫން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކެބިނެޓް އެކުލަވާލުމުގެ ބާރަށް ނުފޫޒު ފޯރާނޭހެން އެކުލަވާލެވޭ އެއްބަސްވުމެއް ދުސްތޫރީގޮތުން ޞައްޙަވާނެ ހަމައެއް ނޯންނާނެ." ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ، ދީދީ ވިދާޅުވެފައި ވެއެވެ.

އޭޖީ ރިފްއަތު ވިދާޅުވީ ސިޔާސީ ޕާޓީތަކުން އެއްބާރުލުން ދިނުމަށް އެއްބަސްވުންތައް ހެދުމަކީ ގާނޫނީ ގޮތުން މައްސަލައެއް އޮތް ކަމެއް ކަމަކަށް އޭނާއަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް ގާނޫނެއްގައި އެކަން ތަފުސީލު ކޮށްދިނުން ނުވަތަ ކޯލިޝަން ގަނޫނެއް އެކުލަވާ ލުމަކީ އެކަން އެންމެ ފުރިހަމައަށް ކުރެވޭނެ ގޮތެއް ކަމުގައި ވެދާނެ ކަމަށް އޭޖީ ވިދާޅުވިއެވެ. އޭޖީ ވިދާޅުވީ އެފަދަ އެއްބަސްވުމަކާއި ބެހޭ ގޮތުން ލަފައެއް ހޯދުމަށް މިހާތަނަށް ސަރުކާރުން އޭޖީއަށް ހުށައަޅާފައި ނުވާ ކަމަށެވެ.

މިހާރު ރާއްޖޭގައި ވެރިކަން ކުރާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަކީ ރައީސް ޔާމިންގެ ސަރުކާރާއި ދެކޮޅަށް ނުކުމެ ވެރިކަން ބަދަލު ކުރުމަށް ބައިއަތު ހިފައިގެން ނުކުތް އޭރުގެ އިދިކޮޅު ލީޑަރުން ގުޅިގެން އުފެއްދި ކޯލިޝަން ސަރުކާރެކެވެ. މި ސަރުކާރު އެކުލަވާލުމަށް ބައެއް ކަހަލަ އެއްބަސް ވުންތައް އޭރުގެ އިދިކޮޅު ލީޑަރުން ހެއްދެވި ކަމަށް ބުނި ނަމަވެސް ސަރުކާރު ހިންގާ މައިޕާޓީން ފަހުން ވަނީ އެފަދަ ބައެއް އެއްބަސްވުންތަކާއި ދެކޮޅު ހަދާފައެވެ.

ސަރުކާރު ހިންގާ މައިޕާޓީން އެފަދަ އެއްބަސްވުން ތަކާއި މިހާރު ދެކޮޅު ހަދަމުން ދިޔަ ނަމަވެސް ވެރިކަން ލިބުމުން ކޯލިޝަން އެއްބަސްވުމަށް ގާނޫނޫނީ ސިފަ ގެނައުމަށްވެސް ކޮންމެވެސް ސިފައެއްގައި ވާހަކަ ދެކެވިފައި ވެއެވެ.

ސަރުކާރާއި ކެބިނެޓްގެ މަގާމުތައް ކޯލިޝަންގެ ބައިވެރިންގެ މެދުގައި ވަކި އުސޫލަކުން، ބަހައި ބައިއަޅައިގެން ސަރުކާރު ހިންގަން ފެށި ނަމަވެސް ކެބިނެޓުން ބައެއް ޕާޓީތަކަށް ދީފައިވާ ސްލޮޓްތައް މިހާރު ގެއްލިފައިވާކަން ފާހަގަކުރެވެއެވެ.

އެހެން ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އިދިކޮޅު ލީޑަރުންނާއެކު އެމަނިކުފާނު ވެވަޑައިގެންފައިވާ އެއްބަސްވުމަށް ފުރިހަމައަށް އިހުތިރާމް ކުރަށްވައި ކޯލިޝަން ދަމަހައްޓަވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން