ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދު
އެމްޑީޕީން އަތޮޅުތެރެއަށް ޕްރޮޖެކްޓްތައް ގެންދަނީ ކެމްޕޭންތައް ބޯމަތިވުމުން ކަމަށް އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރ ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު ވޭތުވެދިޔަ ހަފްތާގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ފެންހިންދާ ނިޒާމާއިއެކު، އައު ދެވަނަ ލިންކް ރޯޑެއް ޤާއިމުކުރުމާއި، 40 ކިލޯމީޓަރުގެ މަގުހެދުމުގެ މަޝްރޫއު ވަނީ 1.19 ބިލިޔަން ރުފިޔާއަށް އިންޑިއާގެ ކުންފުންޏަކާއި ހަވާލު ކޮށްފައެވެ. އަދި މިމަސައްކަތް 730 ދުވަހުން ނިންމުމަށް އެ އެއްބަސްވުމުގައި ވަނީ ކަނޑައަޅާފައެވެ.

މިކަމަށް އިޝާރާތް ކުރަށްވައި ޑރ. ޖަމީލް ވިދާޅުވީ، ކޮންމެ ކެމްޕެއިނެއް ބޯމަތިވުމުން އެމްޑީޕީން އަތޮޅުތެރެއަށް ޕްރޮޖެޓްތައް ގޯނިގޯނީގައި ގެންދާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައިވީ ވަޢުދުތައް ހުރީ ޕާކްކޮށްފައި ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ، ކައުންސިލް ވޯޓަށް އައްޑޫއަށް ވަޢުދުތަކާއި ޕްރޮޖެކްޓްތައް ބަރާކޮށްފައި އޮތްއިރު، މަޖިލީހުގެ ރައީސް ނޫނީ ނައިބު ރައީސްކަން އައްޑޫ ބޭފުޅަކަށް ދޭން އެމްޑީޕީއަށް ކަމުނުދިޔަ ކަމަށެވެ.

"މަޖިލިސް ލިބުމުންވެސް ބަރާވީ ބޮޑުންގެ ޖީބު. ރައްޔިތު މީހާ ކަންމަތީ ފިހާރައިގައި އަދިވެސް ސަލާންޖަހަނީ. ހުރިހާ ކަމެއް މިސްރާބުން ނެއްޓިފައި." އެމްޑީޕީގެ ވަޢުދުތަކަށް ފާޑު ވިދާޅުވެ ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް މި މޭރުމުން އައްޑޫ ސިޓީއަށް އެމްޑީޕީއިން ގެންނާނެ ކަމަށް ބުނަމުންދާ ތަރައްޤީއަށް ފާޑުވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރަށްވާ ޢަލީ ނިޒާރު ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު އައްޑޫގައި ތާރު އަޅައިގެން ހެދިފައި ވަނީ، އެއްކިލޯމީޓަރުގެ މަގު ކަމަށެވެ. އެއީ ފޭދޫގައި ހަދާފައިވާ 0.7 ކިލޯމީޓަރުގެ ރަށްދެބައި މަގާއި ހިތަދޫގައި ހަދާފައިވާ 0.4 ކިލޯމީޓަރުގެ މަގު ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން މިހާރުވެސް އައްޑޫގައި 107 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ދަށުން އައްޑޫގައި ގޭދޮށު މަސް ޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އެގޮތުން އައްޑޫސިޓީގެ ހިތަދޫ، ހުޅުދޫމީދޫ އަދި މަރަދޫގައި ގޭދޮށު މަސްޕްލާންޓްތައް ޤާޢިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން