ޕީޕީއެމްގެ ޓިކެޓްގައި އައްޑޫގެ މޭޔަރުކަމަށް ވާދަކުރަށްވާ މުޙައްމަދު ލަތީފް
ޕީޕީއެމްގެ ޓިކެޓްގައި އައްޑޫގެ މޭޔަރުކަމަށް ވާދަކުރަށްވާ މުޙައްމަދު ލަތީފް
އައްޑޫ ޕޮލިސް އެކަޑަމީ ހުރިބިން ބޭނުންކޮށްފައިވަނީ އެންމެ ރަނގަޅަށްތޯ ބެލުމަށް ދިރާސާއެއް ހައްދަވާނެ ކަމަށް ޕީޕީއެމްގެ ޓިކެޓްގައި އައްޑޫގެ މޭޔަރުކަމަށް ވާދަކުރަށްވާ މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ޅ އަތޮޅު ދިއްފުށިމާދޫގައި އަޅަން ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި 2011 ވަނަ އަހަރު އިންޑިއާއާއެކު އެއްބަސްވި ނޭޝަނަލް ކޮލެޖް ފޯރ ޕޮލިސް އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީސް އައްޑޫސިޓީގެ މިހާރު ހުރި ސަރަޙައްދަށް ބަދަލުކުރަން ނިންމީ ރައީސް ވަޙީދުގެ ވެރިކަމުގައެވެ. އަދި އެތަނުގައި ޢިމާރާތް ކުރުމުގެ މަސައްކަތް ފެށީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

އެ ޢިމާރާތް އެޅުމަށް ނިންމި ބިމާ ބެހޭގޮތުން މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އައްޑޫ ޕޮލިސް އެކެޑެމީ އިމާރާތް ކޮށްފައިވަނީ ބިން ބޭނުން ކުރުމުގައި ނުވިސްނާ ކަމަށާއި މިހާރު އެތަނަކީ މަތީ ތައުލީމުގެ އިންސްޓިޓިއުޓެއް ކަމަށެވެ. އަދި އެމްޑީޕީ މޭޔަރާއި ކައުންސިލް ކެންޑިޑޭޓުންނާއި އެކު އައްޑޫ ސިޓީ މުޅި ދުނިޔެއަށް ހުޅުވިގެންދާނެކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އައްޑޫ ޕޮލިސް އެކެޑަމީ އިމާރާތް ކޮށްފައިވަނީ ބިން ބޭނުން ކުރުމުގައި ނުވިސްނާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ބަސްފުޅާ ޙަވާލާދީ ލަތީފް ވިދާޅުވީ، އައްޑޫ ޕޮލިސް އެކަޑަމީ ޢިމާރާތްކޮށްފައިވާ ބިމުގެ މައްސަލާގައި ރައީސް ނަޝީދުގެ ވިސްނުންފުޅު ސާފުކޮށް ދެއްވީތީ އުފާކުރަށްވާކަމަށެވެ.



އިންޑިޔާ ސަރުކާރުގެ އެހީގެ ދަށުން އިމާރާތްކޮށް ބޮޑުބައި ނިމިފައިވާ އައްޑޫ ޕޮލިސް އެކަޑަމީއާއި ގުޅޭގޮތުން އައްޑޫގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރަށްވާ މުހައްމަދު ލަތީފު މީގެ ކުރިން ވިދާޅުވީ، އައްޑޫ ސިޓީގެ މޭޔަރަކަށް އިންތިހާބުވެއްޖެނަމަ މިހާރު އިމާރާތް ކުރަމުންދާ ޕޮލިސް އެކެޑެމީ ހޮޓަލަކަށް ބަދަލުކުރައްވާނެ ކަމަށެވެ.

އަދި އައްޑޫ ސިޓީގައި އަޅަމުންދަނީ ޓްރޭނިން ސްކޫލެއް ނޫން ކަމަށާއި އިންޑިޔާގެ މީޑިޔާތަކުން އެނގޭ ގޮތަށް ބަލާއިރު އައްޑޫ ސިޓީގައި އިމާރާތް ކުރަމުންދަނީ އިންޑިއާގެ ނޭވީ ބޭސްއެއް ކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ. އަދި އައްޑޫގައި މިހާރު އިމާރާތް ކުރަމުންދަނީ އެކަޑަމީއެއް ނޫން ކަމަށާއި އެއީ އިންޑިޔާގެ ސިފައިން އައްޑޫ ސިޓީގައި ބޭތިއްބެވުމަށް މިސަރުކާރުން ކުރާ މަސައްކަތެއް ކަމަށާއި މިއީ އައްޑޫ ސިޓީ ރައްޔިތުން ވަރަށް ރަގަޅަށް ވިސްނަންޖެހޭ ކަމެއް ކަމަށް ލަތީފް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން