ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް
ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް
ސަރުކާރުގެ އަމާޒަކީ އެއަރޕޯޓްތައް ހިންގޭގޮތަށް ފަތުރުވެރިކަމުގެ އެނދުތައް ތަރައްޤީ ކުރުން ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

"ރަސް އޮންލައިން" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވީ، މިއަހަރަކީ ފަތުރުވެރިކަމުގެ އިންވެސްޓްމަންޓް އަހަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ އަހަރު ކަމަށާއި، ރައީސް ޞާލިޙްގެ ތަޞައްވަރަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ފިޔަވާ ރާއްޖޭގައި ދެންހުރި އިންޓަނޭޝަނަލް އެއަރފޯޓްތަކަށް ސީދާ ފްލައިޓް ބޭއްވޭ ގޮތަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ބެޑް ކެޕޭސިޓީ އިތުރުކުރުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިވަގުތު ފަތުރުވެރިކަން ތަރައްޤީކުރުމަށް ތަންތަން ކުއްޔަށް ދިނުމުގައި ސަރުކާރުން އިސްކަން ދެނީ ރާއްޖޭގެ ދެކޮޅުގައި އޮތް ބައިނަލް އަޤުވާމީ އެއަރޕޯޓްތަކަށް އުދުހުން އިތުރުކުރެވޭނެ ގޮތަށް އެ ސަރަޙައްދުގައި އެނދުތައް ތަރައްޤީ ކުރުމަށްކަމަށެވެ.

މީހުން ދިރިއުޅޭ ރަށްރަށުގެ ކައިރީގައި ފަތުރުވެރިކަމުގެ އެނދުތައް އިތުރު ކުރުމަކީވެސް ސަރުކާރުގެ އަމާޒެއް ކަން ފާހަގަ ކުރަށްވައި މިނިސްޓަރ ވިދާޅުވީ، އޭގެ ބޭނުމަކީ މުއައްޒަފުންނަށް ނައިޓަށް ގެއަށްދެވޭ ގޮތަށް ފަތުރުވެރިކަމުގެ ސިޔާސަތު ބައްޓަން ކުރުން ކަމަށެވެ. އެގޮތުން މިއަހަރަށް އަމާޒުކޮށް 28 ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި، ކުރިން ހުރި މަޝްރޫޢުތަކާއެކު އަހަރުގެ އެކި ދުވަސްވަރަށް ބަހާލައިގެން ރަށްތައް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޑރ. މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ޤާނޫނަށް އަލަށް ގެނައި ބަދަލުތަކުން ލޯކަލް ކައުންސިލްތަކަށް ކައުންސިލްގެ އިޚްތިޞާސްގައި ހިމެނޭ ބިންތައް ބިނާވެށި ޕްލޭންގައި ހިމަނައިގެން ފަތުރުވެރިކަމަށް ހުޅުވާލުމަށް ފުރުސަތު ދީފައިވާ ކަމަށެވެ.

"ރަށްތައް ދޫކުރަން އަޅުގަނޑުމެން މިއަހަރު މިފެށީ އުތުރުން. އެގޮތުން ހޯރަފުށިން މިހާރު ބިޑް އެވޯޑްކޮށް ނިންމައިފި. ހއ.ކެލާ އިން ހޮޓާ ތަރައްޤީ ކުރުމަށް ދިން ބިމުގެ ބިޑް ކާމިޔާބުކުރި ފަރާތާއެކު ސޮއިކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިޔަށް. ނ. މަނަދޫގައިވެސް ހޮޓާ ތަރައްޤީ ކުރުމަށް ބިޑިން މަސައްކަތް ދަނީ ކުރިއަށް. މިއީ ހަމަ ކައުންސިލްތަކުން އިޢުލާނުކޮށްގެން ހިންގާ ޕްރޮޖެކްޓްތައް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މުލީ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ދިއުމާއެކު އެ ސަރަޙައްދުންވެސް ރަށްތަކެއް ދޫކުރެވޭނެ ކަމަށާއި، ތިމަރަފުށީ އެއަރޕޯޓް އެކަށީގެންވާ ގޮތަކަށް ހިންގުމަށްޓަކައި އެއަތޮޅުންވެސް ރަށްތަކެއް ތަރައްޤީ ކުރުމަށް ހުޅުވާލާނެ ކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ ދެކުނުން އައްޑޫސިޓީން އިޢުލާނުކުރި ބިންތައް މިހާރު އެވޯޑް ކޮށްފައިވާ ކަމަށާއި، އެ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދަވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ދޫކުރާ ރަށްތައް 2 އަހަރާ ބައިގެ ތެރޭގައި ތަތައްގީކޮށް ނިންމާލެވޭނެ ކަމަށް ޤަބޫލުކުރަށްވާ ކަމަށާއި، ކުރިން އެއްގޮތަކަށްވެސް މަސައްކަތް ނުފެށި ހުރި 85 ޕްރޮޖެކްޓް ކުރިއަށް ގެންދެވޭނެ މަގުތައް ތަނަވަސްކޮށްދެއްވުމަށް ވެސް މަސައްކަތް ކުރަށްވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން