ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ސިއްހީ ފަރުވާއަށް ބޭރަށް ދިޔުމުގެ ފުރުސަތު ރައީސް ޔާމީނަށްވެސް ދެވުނު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ، ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ގޭގައި ތިއްބެވީ އޮންނަ އިޖުރާޢަތުގެ ދަށުން ހުށައަޅަންޖެހޭ ލިޔުންތައް ހުށައަޅުއްވައިގެން ކަމަށެވެ.

އަދި ރައީސް ޔާމީންވެސް މީގެ ކުރިން އެފަދަ ލިޔުމެއް ހުށައެޅުއްވުމުން ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތު ދެއްވިކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީން އެފުރުސަތުގެ ބޭނުން ހިއްޕަވާފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައީސް ޔާމިން އޭގެ ފަހުން ސިއްހީ ފަރުވާ އަކަށް ވެސް އެދިވަޑައިގެންފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ.

ކުށްވެރިންނަށް ލުއި ދިނުމުގައި ރައީސް އޮފީހުން ލާރިނަގާ ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ރައީސް ޞާލިހާ މިއަދު ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ، ކްލެމެންސީ ގާނޫނުގެ ދަށުން މީހުންނަށް ލުއި ދިނުމުގައި އެއްވެސް މީހެއްގެ އަތުން ލާރި ނަގާފައި ނުވާނެ ކަމަށެވެ. އަދި ރައީސް އޮފީހުން އެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ކުށްވެރިންނަށް ލުއި ދިނުމުގެ ނަމުގައި ރައީސް އޮފީހުގައި ހުންނަ މީހަކު ފައިސާ ނަގާ ކަމަށް ތުހުމަތު ކުރަށްވާ ވާހަކަ ދައްކަވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސް ނަޝީދު ދެއްކެވި ވާހަކަ ދޮގު ކުރަށްވައި ގާނޫނީ ގޮތުން އެކަން އޮންނަ ގޮތް ސާފުކޮށްދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން