ޑީއެންއޭގެ ލީޑަރ ޢުމަރު ނަސީރު
ޑީއެންއޭގެ ލީޑަރ ޢުމަރު ނަސީރު
ޟަރޫރީ ބޭނުންތަކުގައި ޕީސީއާރު ޓެސްޓް ހަދަން ސަރުކާރުން 1000 ރުފިޔާ ނަގާތީ ޑީއެންއޭ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ، އެންމެ ނިކަމެތި ރައްޔިތު މީހާގެ އަތުން އެއްހާސް ރުފިޔާ ނަގައިގެން، ސަރުކާރުގެ ހޮސްޕިޓަލުން ޕީ.ސީ.އާރު ޓެސްޓް ހަދަމުންދާތީ، ކަންބޮޑުވުން ފާޅުކޮށްފައެވެ. މި މައްސަލައާމެދު އަވަސް ފިޔަވަޅުތަކެއް މިހިނދުން މިހިނދަށް ސަރުކާރުން އަޅުއްވައިދެއްވައި، ޟަރޫރީ ޙާލަތްތަކުގައިވެސް ދަތުރުފަތުރު ކުރުމަށްޓަކައި ހަދަން މަޖުބޫރުވެފައިވާ ޕީ.ސީ. އާރު ޓެސްޓް ހެދުމަށް، އެއްވެސް ދިވެހި ރައްޔިތެއްގެ އަތުން ފައިސާ ނަގަން ނުޖެހޭނޭ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް ޑީއެންއޭއިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ޑީއެންއޭ އިން ބުނީ ކޯވިޑް-19 އާ ގުޅިގެން، ވޭތުވެދިޔަ އަހަރެއްހައި ދުވަހުގެ ތެރޭގައި ފެތުރިފައިވާ ޞިއްޙީ ބަލިމަޑުކަމާއި އިޤްތިޞާދީ ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުން ތަހައްމަލު ކުރަންޖެހިފައިވާ ވޭނާއި ކެކުޅުމުގެ ތެރޭގައިވެސް ޟަރޫރީ ޙާލަތްތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ކުރުމަށްޓަކައި މަޖުބޫރީ ޙާލަތުގައި ހަދަން ޖެހިފައިވާ ޕީ.ސީ.އާރު ޓެސްޓު ހެދުމަށް ރައްޔިތުންގެ އަތުން ސަރުކާރަށް ނަގަމުންދާ އަގަކީ ވަރަށް ބޮޑު އަގެއް ކަމަށެވެ. އަދި މިއީ ރައްޔިތުންގެ އަސާސީ ޙައްޤަކުން މަޙްރޫމު ކުރުވަން އޮތް ފުރުސަތެއްކަމުގައި ސަރުކާރުން ހަދާފައިވާ ކަމަށް "ދިވެހި ނެޝަނަލް އެކްޝަން" އިން ދެކޭކަމަށް އެ ބަޔާނުގައި ވެއެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ ގޮތުން ދަތުރުފަތުރުކޮށް އުޅުމަކީ ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ އަސާސީ ޙައްޤެއް ކަމަށާއި، ރައްޔިތުންނަށް ޤާނޫނުއަސާސީ އިން ލިބިދީފައިވާ އަސާސީ ޙައްޤެއް އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ، އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް މެދުވެރިކޮށް ކަމަށް ޑީއެންއޭ އިން ވަނީ ބުނެފައެވެ. އަދި އެގޮތަށް ފާސްކުރާ ޤާނޫނަކުންވެސް އެކަން ކުރެވޭނީ މިނިވަން ދިމިޤްރާތީ މުޖުތަމަޢެއްގައި އެފަދަ ޙައްޤެއް ހިފެހެއްޓިދާނެ ކަމަށް ޤަބޫލުކުރެވޭ މިންވަރަށް ކަމަށް ޑީއެންއޭ އިން ވަނީ ބުނެފައެވެ.

ޑީއެންއޭ އިން ބުނީ، ދުނިޔޭގެ ބާޒާރުގައި ޕީ.ސީ.އާރު ޓެސްޓް ކިޓެއްގެ އަގު ހުރި ގޮތުން މި ރާއްޖެއާ ހަމައަށް ގެނައުމަށް ކިޓެއްގެ އަގަކީ ގާތްގަޑަކަށް 77 ދިވެހި ރުފިޔާ އާއި 231 ދިވެހި ރުފިޔާ އާ ދެމެދުގެ އަގެއް ކަމަށެވެ. އަދި ކޮންމެހެން ދަތުރެއް ކުރަންޖެހިގެން މަޖުބޫރީ ޙާލަތުގައި ރައްޔިތަކު ޕީ.ސީ.އާރު ޓެސްޓް ސަރުކާރުގެ ހޮސްޕިޓަލަކުން ހަދާނަމަ 1000 ރުފިޔާގެ އަގެއް ދައްކަންޖެހޭ ކަމަށާއި، މި އަގަކީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިގެ މަގުން ދަތުރެއްކުރުމުގެ ޓިކެޓްގެ އަގާ އެއްވަރުގެ އަދަދެއް ކަމަށް ޑީއެންއޭ އިން ބުނެފައިވެއެވެ. މި ގޮތުން ބަލާއިރު މާލޭ އެއަރ ޕޯޓުން ނ. މާފަރަށް ދަތުރުކުރާ ރައްޔިތެއްގެ އަތުން ޓިކެޓަށް ޚަރަދުކުރާ ފައިސާއާ އެއްމިންވަރުގެ އަދަދެއް ޕީ.ސީ.އާރު ޓެސްޓް ހަދަން ޚަރަދު ކުރަން މަޖުބޫރުވާ ކަމަށެވެ.

ނ. މާފަރު އެއަރ ޕޯރޓުގައި ސޮނެވާ ޖާނީ ރިސޯޓުން ބަހައްޓާފައި ހުންނަ ޕީ.ސީ. އާރު ޓެސްޓް މެޝިނުން ޓެސްޓު ހެދުމަށް އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިއެއްގެ އަތުން ނަގަނީ 40 ޔޫއެސްޑޮލަރެވެ. މިއީ ސަރުކާރުގެ ހޮސްޕިޓަލުން މިޓެސްޓް ހަދައިދޭ އަގަށްވުރެ ގާތްގަޑަކަށް 50 އިންސައްތަ ކުޑަ އަދަދެކެވެ. މީގެ އިތުރުން ސޮނިވާ ޖާނީ ރިސޯޓުގެ ފަރާތުން ދުވާލަކު ގާތްގަޑަކަށް 100 އަށްވުރެ ގިނަ ދިވެހި ރައްޔިތުންނަށް ޕީ.ސީ.އާރު ޓެސްޓް މުޅިންހިލޭ ހަދައިދެމުން ގެންދެއެވެ.

ސަރުކާރުގެ ހޮސްޕިޓަލަށް ގެނެސްފައިވާ ޕީ.ސީ. އާރު ޓެސްޓް ހަދާ މެޝިން ގެނެސްފައިވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން އަގު ދައްކައިގެން ކަމަށްވެފައި، ދަތުރުފަތުރުކޮށް އުޅުމަކީ، މިފަދަ އުނދަގޫ އަދި ރައްޔިތުންގެ އަތްމަތިދަތި ޙާލަތުގައިވެސް ކޮންމެހެން ކުރަންޖެހޭ ޟަރޫރީ ކަމަކަށްވާތީ، ޢާއްމު ބައެއް ފަރާތްތަކުން ހިލޭ ސާބަހަށް މި ޓެސްޓް ހަދައިދޭކަން ޑީއެންއޭ އިން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ. އަދި ސަރުކާރުގެ ހޮސްޕިޓަލުން ޕީ.ސި.އާރު ޓެސްޓް ހަދައިދޭ އަގަށްވުރެ ކުޑަ އަގެއްގައި ޕްރައިވެޓް ބައެއް ހޮސްޕިޓަލްތަކުން ޓެސްޓް ހަދައި ދެމުން ގެންދާކަންވެސް އެ ޙަރަކާތުން ފާހަގަ ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން