ޑީއެންއޭގެ ލީޑަރ ޢުމަރު ނަސީރު
ޑީއެންއޭގެ ލީޑަރ ޢުމަރު ނަސީރު
ނަފްރަތު އުފެއްދުން މަނާކުރާ ބިލް އަނބުރާ ގެންދިއުމަށް ދިވެހި ނެޝަނަލް އެކްޝަން، ޑީއެންއޭއިން ގޮވާލައިފިއެވެ.

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި ކުރީގެ ޚާރިޖީ ވަޒީރު، ދުންޔާ މައުމޫން އިސްނަންގަވައިގެން އުފައްދަވާފައި ދިވެހި ގައުމީ ހަރަކާތް، ނުވަތަ ޑީއެންއޭއިން މިރޭ ޢާއްމުކުރި ބަޔާނެއްގައި ވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާނޭ ގޮތުގެ މަތިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުށުއެރުމަށް މަގުފަހިވެފައިވާ ގޮތަށް ހުށަހެޅިފައިވާ އިސްލާހެއް ކަމަށެވެ. އެހެންކަމުން މި އިސްލާހު ވެފައި މިވަނީ ދިވެހި ގިނަ ރައްޔިތުންތަކެއް ކަންބޮޑުވުން ފާޅުކުރަމުންދާ ބަދަލެއް ކަމަށް ޑީއެންއޭއިން ވަނީ ބުނެފައެވެ.

"ނަމަވެސް މި ހުށަހެޅިފައިވާ އިސްލާހުގައި ވަކި ބައެއްގެ ޙައްޤު ކަށަވަރުކޮށް، އެހެން މީހުން ވަނީ އެހައްޤުތަކުން މަޙުރޫމު ކޮށްފައިކަން ފާހަގަކުރަމެވެ. އެހެންކަމުން މި ބިލު އަނބުރާ ގެންދިއުމަށް ދިވެހި ސަރުކާރަށް ޑީ.އެން.އޭގެ ފަރާތުން ގޮވާލަމެވެ." ޑީއެންއޭގެ ބަޔާނުގައި ވެއެވެ.

ޑީއެންއޭއިން ބުނީ އެއްވެސް ޤާނޫނަކަށް އެއްވެސް އިސްލާހެއް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފުނުވާނޭ ގޮތަށް ކަމަށާއި، އެހެންކަމުން ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހަކީ ބަލައިގަނެވޭނެ ބަދަލެއް ނޫންކަމުގައި ދެކި އެކަން ޑީ.އެން.އޭއިން ހަރު އަޑުން ކުށްވެރި ކުރާ ކަމަށެވެ.

ނަމަވެސް މި ހައްސާސީ ދަނޑިވަޅުގައި، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމް.ޑީ.ޕީއަށް ނިސްބަތްވާ ހަތަރު މެންބަރަކު މި އިސްލާހު މަޖިލީހަށް ބަލައިގަތުމާ ދެކޮޅު ހައްދަވާފައިކަން ފާހަގަކުރާ ކަމަށާއި، މި ބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވި ހުރިހާ މެންބަރުންނަށް ޑީ.އެން.އޭގެ ފަރާތުން ވަނީ މަރުޙަބާ ދަންނަވާފައެވެ. އަދި މި ފަދަ ކޮންމެ ދަނޑިވަޅެއްގައި ޕާޓީ އަށްވުރެ އިސްލާމް ދީނާއި ދިވެހި ޤައުމު އިސްކުރައްވައި، އަމިއްލަ އެދުމުން ބަރީއަވެ މަސައްކަތް ކުރެއްވުމުގައި ހުރިހާ ޕާޓީ ތަކެއްގެ ހުރިހާ މެންބަރުންވެސް ދެމިތިއްބަވާނޭ ކަމުގެ އުއްމީދު ކުރާކަމަށް ޑީ.އެން.އޭ އިން ވަނީ ބުނެފައެވެ.

"މިގޮތަށް ހުށަހެޅޭ އިސްލާހުތަކަކީ އެ އިސްލާހު ތައް ފާސްވެއްޖެނަމަ ކުރިމަގުގައި ޤައުމަށް ބޮޑެތި ގެއްލުންތަކެއް ވާނޭ ކަންކަން ކަމުގައި ވާތީ މިފަދަ ބަދަލުތަކުގެ ސަބަބުން ވަގުތުން ވަގުތަށް އެކަންކަން ނުފެނުނު ކަމުގައިވިއަސް މިއީ ދިވެހިރާއްޖޭގެ ފަހުގެ ޖީލުތަކަށް މީގެން ބޮޑެތި އަސަރުތަކެއް ކުރާނޭ ކަންކަން ކަމުގައި ޑީ.އެން.އޭ އިން ދެކެމެވެ." ޑީއެންއޭގެ ބަޔާނުގައި ވެއެވެ.

ޑީއެންއޭގެ ބަޔާނުގައި، ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު މި އިސްލާހާ ނުރުހުންވެފައި ތިބިކަން ސަރުކާރަށް އެނގޭ ހިނދުވެސް، އިތުރަށް ޤައުމުގެ އަމަން ނަގާލަން މިފަދަ އިސްލާހެއް ހުށަހެޅުމަށްޓަކައި ހިތްވަރު ދީފައިވާތީ މިއީ އަދުލް އިންސާފަށް ބަލާއިރު ވަކި ބައެއްގެ ހިމާޔަތުގައި ތެދުވެވޭ ތެދުވެވުމެއްކަން ފާހަގަކޮށްފައި ވެއެވެ. އަދި ޙައްޤު ލިބެންވާނީ ހުރިހާ އެންމެނަށް ހަމަހަމަކޮށް ކަމަށާއި، ޤާނޫނަށް ގެނެވޭ މިފަދަ ބަދަލުތައް ގެނެވެންވާނީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީންނާ މަޝްވަރާ ކުރެވި އެބޭފުޅުންގެ ލަފަޔާއި ރަޢުޔާ ޚިލާފުނުވާނޭ ގޮތަށް ކަމުގައިވެސް ޑީއެންއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން