ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އެޗްޕީއޭއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްތިސްނާ ދޭންވާނީ ހަމަހަމަ އުޞޫލުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. ޢަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިންނަށް ކަރަންޓީންނުވެ ރަށްރަށަށް ދެވޭ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން މިހާރު ވަނީ އެކުލަވާލާފައެވެ. އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މާލެއިން ރަށްރަށަށް ކަރަންޓީނުވެ ކެމްޕެއިނަށް ދެވޭނީ 5 ދުވަހަށްވުރެ އިތުރުނުވާނެ ގޮތަކަށެވެ. އަދި މި ދަތުރުތަކުގައި 5 މީހުންނަށްވުރެ ގިނަ މީހުން ބައިވެރި ނުވެވޭނެއެވެ.

އެޗްޕީއޭއިން ކަނޑައެޅި އައު މިންގަނޑާ ގުޅިގެން ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ، ކޮވިޑް ވަބާއާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދެވޭ އިސްތިސްނާއަކީ ހަމަހަމަ އުޞޫލުން، މައުޟޫޢީ އަސާސެއްގެ މައްޗަށް ދެވޭ އެއްޗަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ކަރަންޓީން ވުމުން އިސްތިސްނާ ވެވޭނީ ވަކި ޝަރްޠުތަކެއް ފުރިހަމަވާ މީހަކު ނުވަތަ، ވަކި ކަމެއް ކުރުމަށް ފުރާ މީހެއް ނޫން ކަމަށް ޑރ. އަޙްމަދު ވިދާޅުވިއެވެ.



އެޗްޕީއޭގެ އުސޫލުގައިވާ ގޮތުން ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭނީ ދަތުރުކުރާދުވަހުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ނެގެޓިވް ޕީ.ސީ.އާރ ޓެސްޓެއް އޮވެގެނެވެ. އަދި ރަށްރަށަށް ކެމްޕެއިނަށްދާ ޓީމުތަކުން ޑޯޓުޑޯ ކުރިއަށް ނުގެންދެވޭނެއެވެ. އަދި ޖަލްސާ ބާއްވާނަމަ ހާމަކަން ބޮޑު ތަނެއްގައި ވީހާވެސް ކުޑަ ވަގުތެއް ހޭދަވާނޭ ގޮތަކަށް ބައްދަލުވުން ބޭއްވުމަށް ވަނީ ކަނޑައަޅާފައެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 10ވަނަ ދުވަހުއެވެ. މިއީ މިދިޔަ އަހަރު ބޭއްވުމަށް ތާވަލުކުރި އިންތިހާބެއް ނަމަވެސް، ކޯވިޑާއި ގުޅިގެން އިންތިހާބު ލަސްކުރަންޖެހުނީއެވެ. އިންތިޚާބާބެހޭ ޤާނޫނުގައި ބުނާގޮތުން ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް 28 ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން