ޕީޕީއެމްގެ މުޒާހަރާއެއްގެ ތެރެއިން
ޕީޕީއެމްގެ މުޒާހަރާއެއްގެ ތެރެއިން
އާންމުންގެ ޕްރެޝަރ ބޮޑުވެ ކެމްޕޭނަށް ކަރަންޓީނު ވާން ނުޖެހޭ އިސްލާޙު އުވާލައިފިއެވެ.

އެޗްޕީއޭ އިން މިރޭ ބުނެފައިވަނީ، ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާގުޅިގެން ކޯވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި އިޞްލާޙް އުވާލަން ނިންމާފައިވާ ކަމަށެވެ.

އެޗްޕީއޭއިން މި އުސޫލު އުވާލާފައި މިވަނީ، އުސޫލު އެކުލަވާލިތާ 24 ގަޑިއިރުވެސް ނުވަނީސް ޢާއްމު ރައްޔިތުންނާއި ސިއްޙީ ދާއިރާގެ އިސް ފަރާތްތަކުގެ ފާޑުކިޔުން އެޗްޕީއޭއަށް އިންތިހާއަށް އަމާޒުވާން ފެށުމުންނެވެ.



އެޗްޕީއޭއިން ރޭ ކަނޑައެޅި އުސޫލުގެ ދަށުން މާލެއިން ރަށްރަށަށް ކަރަންޓީނުވެ ކެމްޕެއިނަށް ދެވޭނީ 5 ދުވަހަށްވުރެ އިތުރުނުވާނެ ގޮތަކަށެވެ. އަދި 5 ދުވަހަށްވުރެ ގިނަ ދުވަހަށް ދާނަމަ 10 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހެއެވެ. މީގެ އިތުރުން އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން މި ދަތުރުތަކުގައި 5 މީހުންނަށްވުރެ ގިނަ މީހުންނަށް ބައިވެރި ނުވެވޭނެއެވެ.

މިއުސޫލުގައިވާ ގޮތުން ރަށްރަށަށް ކެމްޕެއިނަށްދާ ޓީމުތަކުން ޑޯޓުޑޯ ކުރިއަކަށް ނުގެންދެވޭނެއެވެ. އަދި ޖަލްސާ ބާއްވާނަމަ ހާމަކަން ބޮޑު ތަނެއްގައި ވީހާވެސް ކުޑަ ވަގުތެއް ހޭދަވާނޭ ގޮތަކަށް ބައްދަލުވުން ބޭއްވުމަށް ވަނީ ކަނޑައަޅާފައެވެ.

އިދިކޮޅު އިއްތިހާދުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވަނީ އެޗްޕީއޭގެ އެ އުސޫލަށް އެ ކޯލިޝަނުން އަމަލު ނުކުރާނެކަން އިއުލާން ކުރަށްވާފައެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް ލުއި ނުލިބޭ ތަފާތު ކުރުން ގެންގުޅޭ އެ އުސޫލަށް އެޕާޓީން އަމަލު ނުކުރާނެ ކަމަށެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 10ވަނަ ދުވަހުއެވެ. މިއީ މިދިޔަ އަހަރު ބޭއްވުމަށް ތާވަލުކުރި އިންތިހާބެއް ނަމަވެސް، ކޯވިޑާއި ގުޅިގެން އިންތިހާބު ލަސްކުރަންޖެހުނީއެވެ. އިންތިޚާބާބެހޭ ޤާނޫނުގައި ބުނާގޮތުން ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް 28 ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން