ވެކްސިން ޖެހުން ކުރިއަށްދަނީ
ވެކްސިން ޖެހުން ކުރިއަށްދަނީ
ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް 96 މީހަކު ޕޮޒިޓިވްވެ 128 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 21،572 އަށް އަރާފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 2،406 ގައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 75 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 21 މީހުންނެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހަކާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 11 މީހަކު ހިމެނެއެވެ.

އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 125 މީހުންނަށެވެ. އެޗްޕީއޭއިން ބުނީ ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 3071 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި މިހާތަނަށް ޖުމްލަ 576928 ސާމްޕަލް ނަގާފައިވެއެވެ.

ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 128 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 19095 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 64 އަށް އަރާފައެވެ.

މީގެއިތުރުން، ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން އަތޮޅުތެރެއާއި މާލެއިން މިއަދު ޖުމްލަ 7908 މީހަކު ވެކްސިން ޖަހާފައިވެއެވެ. މިގޮތުން މިއަދު މާލޭގައި 4941 މީހަކު ވެކްސިން ޖަހާފައިވާއިރު، 2967 މީހަކު އަތޮޅުތެރެއިން ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާފައިވެއެވެ.

އަދި މިހާތަނަށް ޖުމްލަ 206114 މީހަކު ރާއްޖޭގައި ވެކްސިން ޖަހައިފިކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން