ރާއްޖެއަށް 60 ވަނަ ފަހަރަށް ޒިޔާރަތްކުރި ފަތުރުވެރިޔާއަށް މަރުޙަބާ ދެންނެވުން
ރާއްޖެއަށް 60 ވަނަ ފަހަރަށް ޒިޔާރަތްކުރި ފަތުރުވެރިޔާއަށް މަރުޙަބާ ދެންނެވުން
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 243،979 ފަތުރުވެރިން ޒިޔާރަތްކޮށްފި ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ކޯވިޑް-19އާ ގުޅިގެން 2020 ވަނަ އަހަރުގެ މާޗު 27 ގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ތިން މަހަށްވުރެ ދިގު އިންތިޒާރަކަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހު އެވެ. އަދި އެދުވަހު ހެނދުނު 8:27 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަތަރު އެއާވޭސްގެ ފްލައިޓު ޖެއްސުމާއެކު މަޑުޖެހިފައި އޮތް ރާއްޖޭގެ އިޤްތިޞާދު އަލުން ވަނީ ހިނގައިގަނެފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މަޢުލޫމާތު ހާމަކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިރޭ ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް 54994 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ޖެނުއަރީމަހު ރާއްޖެއަށް 92103 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ފެބްރުއަރީމަހު 96882 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 57965 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާއިން 52902 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެެވެ. އޭގެ އިތުރުން ޔޫކްރޭނުން 15940 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއަހަރު އެވްރެޖްކޮށް ރާއްޖެއަށް ދުވާލަކު ޒިޔާރަތް ކޮށްފައިވަނީ، 3210 ފަތުރުވެރިންނެވެ.



ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ 677 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން 149 ރިސޯޓަކާއި، 137 ސަފާރީގެ އިތުރުން11 ހޮޓަލަކާއި، 380 ގެސްޓްހައުސްއެއް ވަނީ ހުޅުވާފައެެވެ. މިއީ 52818 ބެޑް ކެޕޭސިޓީއެވެ. އަދި ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީއަކީ 37140 އެވެ.

ރާއްޖެއަށް މިހާރު 30 އެއާލައިނަކުން ވަނީ ދަތުރުތައް ފަށައިފައެވެ. ސަރުކާރުން ލަފާކޮށްފައިވަނީ، މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށެވެ. މީގެއިތުރުން މިއަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް ފަތުރުވެރިކަމުގެ ވުޒާރާއިން ވަނީ އަންދާޒާކޮށްފައެވެ.

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނައިރު، ސަރުކާރުން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެމަސައްކަތްތަކާއެކު ފަތުރުވެރިކަމާ ގުޅޭ ބައިނަލްއަޤްވާމީ ގިނަ އެވޯޑްތަކެއްވެސް ރާއްޖެއަށް ދަނީ ލިބެމުންނެވެ. އެގޮތުން 2020 ވަނަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން"ގެ އެވޯޑާއި، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގެ 19 އެވޯޑެއް ވަނީ ރާއްޖެއަށް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން