އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް
އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް
މުވައްޒަފުންނަށް ވަޒީފާގެ ކަށަވަރުކަން ހޯދައިދިނުމާއެކު، ވިޔަފާރިތައްވެސް ޙިމާޔަތް ކުރުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށް އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ރިސޯޓްތަކުން އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ޙައްޤުގައި އަޑުއުފުލާ ޓީމް ގެ ފަރާތުން ފާޅުކޮށްފައި ވާތީ އެކަމާ ގުޅިގެން ބައެއް ޢާއްމުން ފާޅުކުރަމުންދާ ޝުޢޫރުތަކަށް ޖަވާބު ދެއްވުމުގެ ގޮތުންނެވެ.

ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކުން އިންސާފު ހޯދުމަށް ޓުރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން، ވަޒީފާއިން ވަކިކުރި ރިސޯޓުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓް ތަކުން ނުބައި ރިފަރެންސެއް ދެމުން ގެންދާ ކަމަށް "ޓީމް" އިން ވަނީ ތުހުމަތު ކޮށްފައެވެ. އެކަމާ ގުޅިގެން މިނިސްޓަރ ފައްޔާޒް ވިދާޅުވީ، "ރިޑަންޑެންސީ" ގެ ގޮތުގައި ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ހޯދަން އިއުލާނު ކުރެވިފައިވާނެ ކަމަށެވެ. އަދި "ޓީމް" ގެ ބޭފުޅުންނަށް ލިބިފައިވާ މައުލޫމާތު ހިއްސާ ކުރެއްވުމަށާއި، ރިޒޯޓުތަކުންވެސް މައުލޫމާތު އެއްކުރަމުންދާ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ފައްޔާޒް ވިދާޅުވީ، މުވައްޒަފުންނަށް ވަޒީފާގެ ކަށަވަރުކަން ހޯދައިދިނުމާއެކު، ވިޔަފާރިތައް ޙިމާޔަތް ކުރުމަކީ ވެސް ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"ވަޒީފާގެ ރައްކާތެރިކަން އޮންނަންޖެހޭނެ. ހަމަ އެފަދައިން ވިޔަފާރި ދަރަނިވެރިވީމަ މުއައްޒަފުން މަދުކުރެވޭނެ ޖާގަ އޮންނަންވާނެ. އެކަން ކުރެވޭނެ ގޮތް ޤާނޫނުގަ އަދި ޤަވާއިދުގައި އެވަނީ. އެބިއުޒްކުރާނަމަ ކޯޓުު މެދުވެރިކޮށް ރަނގަޅުކުރުމުގެ ފުރުސަތު އޮންނާނެ. އެއްގޮތަކަށްވެސް ރެކުމެއްނެތް." މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.



މިނިސްޓަރ ފައްޔާޒް ވިދާޅުވީ ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއަކީ ޤާނޫނުގައި ސާފުކޮށް ހުރިހާ އެންމެންނަށް އެއްހަމައަކުން އަމަލުކުރުމަށް ލިޔުމުގެ ކުރިން ކޯޓު ހުކުމްތަކުގެ ދަށުން އަބަދުވެސް ކުރަމުން އައްނަކަމެއް ކަމަށެވެ. އޭރު އެކަން ކުރަމުން އައީ އެމްޕްލޯޔަރ ބޭނުން ގޮތަކަަށް ކަމަށާއި، މިހާރު ލިޔެވިފައި އޮތީ ދެފަރާތަށްވެސް އެއްހަމައެއްގައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އަދި ޤާނޫނަކީ ކަމުނުދާނަމަ ބަދަލު ކުރެވޭނެ އެއްޗެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެއީ މަސައްކަތްތެރިން އަޅުވެތިކުރުމަށް ޤާނޫނުގައި ހިމަނާފައިވާ މާއްދާ އެއްކަމަށް ބުނެ ކުރާ ތުހުމަތުތައް ފައްޔާޒް ވަނީ ދޮގުކުރަށްވާފައެވެ.

ކޮވިޑާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން މުޅިން ހުއްޓުމުން ރާއްޖޭގެ ރިސޯޓްތަކުގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. ނަމަވެސް ޓޫރިޒަމް އަލުން ހިނގައިގަނެ 10 ރިސޯޓް ފިޔަވައި އެހެން ހުރިހާ ރިސޯޓްތަކެއް ހުޅުވައި ޚިދުމަތް ދޭން ފެށި ނަމަވެސް ވަޒީފާ ގެއްލުނު ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވި ގިނަ ބަޔަކަށް އަދިވެސް ވަޒީފާ ލިބިފައި ނުވާކަން ފާހަގަ ކުރެވެއެވެ. ވަޒީފާ ގެއްލުނު ފަރާތްތަކަށް ސަރުކާރުން 5000 ރުފިޔާގެ އެލަވަންސެއް ދިން ނަމަވެސް އެއީ އާއިލާއެއް ގޮވައިގެން އުޅޭ މީހަކަށް ދިރިއުޅުން ހަމަޖައްސައި ލެވޭ ވަރަށްވުރެ ކުޑަ އެއްޗަކަށް ވެފައި އެ ފަދަ އެލަވަންސަކީ ވަގުތީ އެއްޗަކަށް ވާތީ ވަޒީފާ ނުލިބޭ ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން