ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސައިން ޒިޔާދު (ފިއްޓޭ)
ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސައިން ޒިޔާދު (ފިއްޓޭ)
ޕީޕީއެމުން ކެމްޕޭން ކުރަން އުޅެނީ ލޯގަނޑު ކުރިމަތީ ފަރިބަލަން ތިބެ ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށްބުނެ އިދިކޮޅު ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައާއި ގުޅިގެން އިދިކޮޅު މެމްބަރުންނަށް ރައްދު ދެއްވާ ވާހަކަފުޅު ދައްކަވަމުން ފިއްޓޭ މިއަދު ވިދާޅުވީ، ލޯގަނޑު ކުރިމަތީ ލިޕްގްލޮސް އުނގުޅަން ތިބެގެން ކެމްޕޭން ނުކުރެވޭނެ ކަމަށެވެ. އަދި މެމްބަރު ސަޢީދުމެން އުޅުއްވަނީ ފުރުސަތު ނެތިގެން ނޫން ކަމަށާއި، ނަމަވެސް ކެމްޕޭން ކުރަށްވަން އެނގިވަޑައިނުގަނެގެން ކަމަށެވެ.

ފިއްޓޭ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީވެސް ކެމްޕޭން ކޮށްލަން ރަނގަޅު ފުރުސަތެއް ކަމަށާއި، ނަމަވެސް އެ ފުރުސަތުގެ ބޭނުންވެސް ހިފަން އިދިކޮޅު މެމްބަރުންނަށް ނޭންގޭ ކަމަށެވެ. ރައްޔިތުން ޕީޕީއެމަށް 7 އަހަރު ދީފިކަމަށާއި، ނަމަވެސް އެއްވެސް ކަމެއް ނުކުރެވުނު ކަމަށް ފިއްޓޭ ވިދާޅުވިއެވެ. އަދި އިދިކޮޅު ޕާޓީތަކުން ކުރަމުންދާ މުޒާހަރާތަކަށްވެސް މިއަދު ފިއްޓޭ ވަނީ ފާޑުވިދާޅުވެފައެވެ.

"އެ މުޒާހަރާކުރަން އަޅުގަނޑުމެން ނިކުތީމޭ. އަޅުގަނޑުމެންގެ ނައީމާއްތަ އެ ނިކުންނަނީ ދެ ކިހިއްޔަށް ޕެޕަރ ސުޕްރޭ ޖަހާލައިގެން އަނދުން ކޫރަ ދަމާލައިގެން ޓިއަރ ގޭހުން. ނިކުމެ އެ ހުންނަނީ ޝީލްޑްތައް ކުރިމަތީގަ. ސަޢީދު އެންމެ ދުވަހަކު ނިކުތީ. އެޑްމިޓް ކުރީ. ކުރާނެ ނޫންތޯ؟ ކުރާނެ، އެތަންތަނަށް އަލަށް ނިކުތީމަ އެހެން ވާނެ." މެމްބަރު ސަޢީދަށް ރައްދު ދެއްވަމުން ފިއްޓޭ ވިދާޅުވިއެވެ.

ފިއްޓޭ ވިދާޅުވީ، ސަޢީދުމެން މުޅި ދައުރު ނިންމާލަނީ ދެކޮލުގައި ފުށްޖަހައިގެން ލޯގަނޑު ކުރިމަތީގައި ލިޕްގްލޮސް އުނގުޅުއްވަން ހުންނަވައިގެން ކަމަށެވެ. އަދި ޕީޕީއެމަށް މަގުމައްޗަށް ނުކުމެ ކެމްޕޭން ކުރުމަށް އުނދަގޫވަނީ އެހެންވެގެން ކަމަށް ފިއްޓޭ ވިދާޅުވިއެވެ. އަދި ނޭނގޭ ބަޔަކަށް ކިތަންމެ ފުރުސަތެއް ދިނަސް ކެމްޕޭން ކުރަން ނޭނގޭނެ ކަމަށް ފިއްޓޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ކުރަނީ ނޫންތޯ. އަޅުގަނޑު ނުބުނާނަމޭ މާދަމާ ނަރުދަމާ އަޅާނަމެކޭ، އަޅަން ފަށާފަ އޮންނާނީ. އިންޖީނުގެ ރަނގަޅުކޮށްދޭނަމޭ ކަރަންޓު ރަނގަޅުކުރަން، އަޅަނީ އެއޮތް. މީ ކެމްޕޭން ކުރާ ގޮތަކީ. މީ އެމްޑީޕީ ކުރާ ގޮތަކީ. ހަތް އަހަރުގެ ދައުރެއް ނިންމާލާފަ މިތަނަށް ވަޒީރުން އެގެންނަނީ މަޑުއްވަރީގަ ނަރުދަމާއެއް ނެތޭ ބަނދަރެއް ނުނިމެއޭ." އިދިކޮޅު ފަރާތްތަކަށް ވަރުގަދައަށް ރައްދު ދެއްވަމުން ފިއްޓޭ ވިދާޅުވިއެވެ.

ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މިމައްސަލަ ހުށަހެޅުއްވި އެންމެ ބޮޑު މަޤްސަދަކީ ޤާނޫނު އަސާސީގެ 18 ވަނަ މާއްދާއިން ކަށަަވަރުކޮށްދޭ ހައްގުތައް ނުލިބުންކަމަށެވެ.

އެމްޑީޕީއާއި ރައީސް ނަޝީދަކީ ހަމަހަމަ ކަމާއިއެކު ކެމްޕެއިން ކުރެވޭނެ ފުރުސަތު ހޯދައިދީ ހައްގުތަކަށް ވަކާލާތު ކުރި ބައެއްކަމަށާއި ނަމަވެސް މިއަދު ފެނިގެންދަނީ އެއްވެސް ހަމައެއް އުސޫލެއްނެތި އެމްޑީޕީއަށް އެކަނި ސިޔާސީ ހަރަކާތް ހިންގޭތަންކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ މިމައްސަލާގައި ކެމްޕެއިނަށް ހަމަހަމަ ފުރުސަތު ހޯދާނެ ޖާގަ ތަނަވަސްކޮށް، އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ކުރެވޭނެ މަގު ފަހިކޮށްދީ ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ހައިރާން

25-Mar-2021

ކިހިނެތް ކެމްޕޭނުކުރާނީ އަބަދު ފަހަތުގައި ވިއްދާފައި ތިބެނީ ވެރިކަން ވެއްޓިދާނެތީ ތިކަހަލަ ތާކުން ތާކުނުޖެހޭ މީހުން ހުރިހާތާކަށް ލައިގެން ޤައުމު އަޅުވެތި ކޮށް ބައިތުލް މާލު ދޮވެލައިފި



ޓްރެންޑިން