މިއަދު ރާއްޖެއަށް ގެނައި ފައިޒާ ވެކްސިން
މިއަދު ރާއްޖެއަށް ގެނައި ފައިޒާ ވެކްސިން
ފައިޒާ ވެކްސިންގެ 5850 ޑޯޒް މިއަދު ރާއްޖެ ގެނެސްފިއެވެ.

މިއަދު ރާއްޖެއަށް ގެނެސްފައިވަނީ، ކޮވެކްސް ފެސިލިޓީ އިން ފޮނުވި، ފައިޒާ ވެކްސިންގެ 5850 ޑޯޒް ކަމަށް ޔުނިސެފް މޯލްޑިވްސް އިން ވަނީ ބުނެފައެވެ. ކޮވެކްސް ފެސިލިޓީއަކީ، ފަގީރު އަދި މުއްސަނދި ޤައުމުތަކުގެ މެދުގައި ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް މިދިޔަ އަހަރުގެ އެޕްރީލް މަހު އުފެއްދި އިނީޝިއެޓިވްއެކެވެ. ކޮވެކްސް ފެސިލިޓީން މީގެ ކުރިން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 12،000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިނެވެ.

ޔުނިސެފުން ބުނީ ވެކްސިން ސަޕްލައިކޮށް، ލޮޖިސްޓިކްސް އާއި ކޯލްޑް ޗެއިން މެނޭޖްމަންޓުގެ މަސައްކަތްތަކުގައި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. ފައިޒާ ވެކްސިން ބަހައްޓަން ޖެހެނީ 70- ޑިގްރީގަ އެވެ. ރާއްޖޭގައި ފައިޒާ ވެކްސިނަށް ހުއްދަ ދީފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.



ކޮވެކްސް ފެސިލިޓީގެ ތެރެއިން ރާއްޖެއަށް ލިބޭގޮތަށް ހަމަޖެހިފައިވަނީ 108،000 ޑޯޒްގެ ވެކްސިނެވެ. މިއަދު ލިބުނު ފައިޒަރ ވެކްސިންގެ 5،850 ޑޯޒްއާއެކު ކޮވެކްސް ފެސިލިޓީގެ ތެރެއިން 17،850 ޑޯޒްގެ ވެކްސިން މިހާތަނަށް ރާއްޖެއަށް ވަނީ ލިބިފައެވެ. ކޮވެކްސް ފެސިލިޓީގެ ތެރެއިން ވެކްސިންގެ އިތުރުން، ވެކްސިން ޖަހަން ބޭނުންކުރާ 100،000 ސިރިންޖްވެސް ރާއްޖެއަށް މީގެ ކުރިން ވަނީ ފޯރުކޮށްދީފައެވެ.

މިއަދު ރާއްޖެއަށް ވަނީ ޗައިނާއިން ހަދިޔާކުރި އެއްލައްކަ ޑޯޒްގެ ވެކްސިން ވެސް ލިބިފައެވެ. އަދި އިތުރު އެއްލައްކަ ޑޯޒް މިމަހުގެ 30 ވަނަ ދުވަހު ލިބޭނެ ކަމަށް ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ. ޗައިނާއިން ހަދިޔާކުރި ސައިނޯފާމް ވެކްސިން ޖެހުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.

އިންޑިއާއިންވެސް މިއަދު ވަނީ އިތުރު 2 ލައްކަ ޑޯޒް ވެކްސިން ރާއްޖެއަށް ދިނުމަށް ނިންމާފައެވެ. މީގެކުރިންވެސް އިންޑިއާއިން ވަނީ ރާއްޖެއަށް 2 ލައްކަ ވެކްސިން ޑޯޒް ހަދިޔާކޮށްފައެވެ. މިހާތަނަށް އައިރު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ދެލައްކަ ސައުވީސް ހާހަށްވުރެ ގިނަ މީހުން ވަނީ ޖަހާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން