ރާއްޖޭގައި ކުރިއަށް ގެންދިޔަ ވެކްސިން ޖެހުމުގެ ޙަރަކާތުގެ ތެރެއިން
ރާއްޖޭގައި ކުރިއަށް ގެންދިޔަ ވެކްސިން ޖެހުމުގެ ޙަރަކާތުގެ ތެރެއިން
ރާއްޖޭގައި ފުރަތަމަ ޑޯޒް ޖަހާ މީހުންނަށް ދެން ދޭނީ ސިނޮފަރމް ވެކްސިން ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އިއްޔެ ރާއްޖެއަށް ވަނީ ޗައިނާއިން ހަދިޔާކުރި އެއްލައްކަ ޑޯޒްގެ ސިނޮފަރމް ވެކްސިން ލިބިފައެވެ. އަދި އިތުރު އެއްލައްކަ ޑޯޒް މިމަހުގެ 30 ވަނަ ދުވަހު ލިބޭނެ ކަމަށް ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން އެޗްޕީއޭއިން މިއަދު ބުނީ، ރާއްޖޭގައި މިހާރު ފުރަތަމަ ޑޯޒްގެ ވެކްސިން ނުޖަހައި ތިބި 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންގެ ގަޔަށް ދެން ޖަހާނީ ސިނޮފަރމް ވެކްސިން ކަމަށެވެ. އަދި މިހާރު ޗައިނާއިން ހަދިޔާކޮށްފައިވާ އެއްލައްކަ ޑޯޒް ވެކްސިން ދީ ނިންމުމަށްފަހު، ދެ ވަނަ ޑޯޒްގެ ގޮތުގައި ބޭނުން ކުރާނީ މިމަހުގެ 30 ގައި ލިބޭ ސިނޮފަރމް ވެކްސިންގެ އެއްލައްކަ ޑޯޒް ކަމަށެވެ.



ސިނޮފަރމް ވެކްސިން މެނިފެކްޗާރ ކުރަނީ ބެއިޖިން އިންސްޓިޓުޓް އޮފް ބައިލޮޖިކަލް ޕްރޮޑަކްޓްސް އިންނެވެ. އެ ކުންފުންޏަކީ ވެކްސިން އުފެއްދުމަށް ޑަބްލިއުއެޗްއޯ ޕްރީކުއެލިފައިޑް މެނިފެކްޗަރާއެކެވެ. ޗައިނާއިން ހަދިޔާކުރި ސިނޮފަރމް ވެކްސިން ޖެހުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ.

ކޯވިޑް-19 އާ ދެކޮޅަށް ރާއްޖޭގައި އެންމެ ފުރަތަމަ ބޭނުންކުރަން ފަށާފައި ވަނީ އޮކްސްފަރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ "އޮކްސްފަރޑް-އެސްޓްރާޒެނެކާ ވެކްސިން،" ގެ މައްޗަށް ބިނާކޮށް އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން "ކޮވިޝީލްޑް" ބްރޭންޑްގެ ދަށުން އުފައްދާފައިވާ ވެކްސިނެވެ. އިންޑިއާ ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު އެ ޤައުމުން ވަނީ މި ވެކްސިންގެ 200000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ. އަދި މި ވެކްސިން މިހާރު ވަނީ ދިވެހިންނަށް ދީފައެވެ.

އަދި އިންޑިއާއިން މާރޗް މަހުގެ 25 ވަނަ ދުވަހު ވަނީ އިތުރު 2 ލައްކަ ޑޯޒް ވެކްސިން ރާއްޖެއަށް ދިނުމަށް ނިންމާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ދެލައްކަ ސައުވީސް ހާހަށްވުރެ ގިނަ މީހުން ވަނީ ޖަހާފައެވެ.

އިއްޔެ ރާއްޖެއަށް ވަނީ، ކޮވެކްސް ފެސިލިޓީ އިން ފޮނުވި، ފައިޒާ ވެކްސިންގެ 5850 ޑޯޒް ވެކްސިންވެސް ލިބިފައެވެ. ކޮވެކްސް ފެސިލިޓީގެ ތެރެއިން ރާއްޖެއަށް ލިބޭގޮތަށް ހަމަޖެހިފައިވަނީ 108،000 ޑޯޒްގެ ވެކްސިނެވެ. އިއްޔެ ލިބުނު ފައިޒަރ ވެކްސިންގެ 5،850 ޑޯޒްއާއެކު ކޮވެކްސް ފެސިލިޓީގެ ތެރެއިން 17،850 ޑޯޒްގެ ވެކްސިން މިހާތަނަށް ރާއްޖެއަށް ވަނީ ލިބިފައެވެ. އެއީ އެ ފެސިލިޓީގެ ދަށުން ކުރިން ފޯރުކޮށްދިން 12000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިންވެސް ހިމަނައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން