ޅ. ހިންނަވަރަށް އުދައެރުން
ޅ. ހިންނަވަރަށް އުދައެރުން
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކަނޑުގަދަވެ، ބާނިތައް ބޮޑުވުމުގެ ސަބަބުން ޅ. ހިންނަވަރަށް އުދައަރައި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނޑުމަތީގެ އިތުރު ހާދިސާތަކެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު ހެނދުނުން ފެށިގެން ޅ. ހިންނަވަރަށް އުދަ އަރައި ރަށުގެ ބޮޑު ސަރަޙައްދަކަށް ލޮނުގަނޑު ފެތުރިފައިވާ ކަމަށެވެ. މިޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު މެންދުރު 12:26 ގައި ކަމަށާއި، މިހާރު ލޮނުގަނޑު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެމްޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.



ހިންނަވަރުގެ ގޭބިސީތަކަށް އުދައިގެ ސަބަބުން ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ކައުންސިލާއި އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެން އަންނަނީ ވެލިބަސްތާ ޖެހުމުގެ މަަސައްކަތް ވެސް ކުރަމުންނެވެ.

އޭގެ އިތުރުން މިއަދު ޅ. ހުރަވަޅި ކައިރީގައި އޮތް ފިނޮޅަކަށް ވެލިނަގަން ގޮސްތިބި ތިން ބިދޭސީން ޙާލުގައި ޖެހިފައިވަނިކޮށް އެމްއެންޑީއެފުން ވަނީ ސަލާމަތް ކޮށްފައެވެ. އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން އެ ބިދޭސީން ޙާލުގައި ޖެހިފައިވަނިކޮށް އެސަރަޙައްދުން ދަތުރުކުރި އެމްއެންޑީއެފްގެ ފަޔަރ ޓީމަށް އެމީހުން ފެނިފައިވަނީ މިއަދު 14:20 ހާއިރު ކަމަށެވެ.



ވިއްސާރާގައި މިއަދު ވަނީ، މާލޭ ކައިރީގައި އަޅާފައި އޮތް ތެޔޮ ބާޖެއްގެ ނަގިލި ކަނޑައިގެން ގޮސް، ކ، ފޭދޫ ފިނޮޅުގެ ދެކުނުން އޮންނަ ފަރަކަށް ލައްގާފައެވެ.

އެމްއެންޑީއެފުން ބުނީ މިވިއްސާރައިގައި މޫސުން ގޯސްވެ، ވައި ބާރުވެ، ކަނޑު ގަދަވުމުގެ ސަބަބުން، މާލޭ ކައިރީގައި އަޅާފައި އޮތް 68 ފޫޓުގެ ޓްރާންސް ފިއުލް-9 ނަމަކަށް ކިޔާ ތެޔޮ ބާޖެއްގެ ނަގިލި ކަނޑައިގެން ގޮސްފައިވާ ކަމަށެވެ. އެ ބާޖު ލައްގާފައި ވަނީ ފޭދޫ ފިނޮޅުގެ ދެކުނު ފަރާތު ފަރުމައްޗަށް ކަމަށާއި މިހާރު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަނުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.





މިޙާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 12:48 ގައި ކަމަށާއި، މި ބާޖުގައި ދިވެއްސަކާއި ދެ ބިދޭސީން ތިބި ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަތީގެ ޙާދިސާތައް އިތުރުވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލްވުމަށް މެޓް އޮފީހުންނާއި އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން