ޅ. ނައިފަރު
ޅ. ނައިފަރު
ޅ. ނައިފަރުން ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 141 އަށް އަރައި މާލެއަތޮޅު ހުރައިން ޕޮޒިޓިވްވި މީހުންގެ އަދަދު 111 އަށް އަރައިފިއެވެ.

މިމަހުގެ 21 ވަނަ ދުވަހު ނައިފަރުން ކޯވިޑް-19 އަށް ޕޮޒިޓިވް ކޭސް އެއް ފެނުނު ފަހުން މިއަދާ ހަމައަށް އެރަށުން ވަނީ 141 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެވެ. ނައިފަރުން އެންމެ ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ރ. އުނގޫފާރަށް ދަތުރުކުރި މީހެކެވެ. ނައިފަރުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެންވެސް ތިބީ އެރަށުގައެވެ. އެކަކު ވަނީ ބ. އަތޮޅު ކޮވިޑް ފެސިލިޓީއަށް ބަދަލު ކުރެވިފައެވެ.

ނައިފަރުން މިހާތަނަށް ވަނީ 1412 ސާމްޕަލެއް ނަގާފައެވެ. އޭގެތެރެއިން 112 ސާމްޕަލްގެ ނަތީޖާ އަދި ލިބިފައެއް ނުވެއެވެ. އެޗްޕީއޭއިން މިހާރު ވަނީ ނައިފަރުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް ކާފިއު ވެސް އިޢުލާނު ކޮށްފައެވެ. ނައިފަރުން ޕޮޒިޓިވް ވެފައިވަނީ 125 ދިވެހިންނާއި، 16 ބިދޭސީންނެވެ.

ހުރާ މޮނިޓަރިންގއަށް ލާފައިވަނީ އިތުރު ޓެސްޓެއް ހެދުމަށް މިމަހުގެ 22 ވަނަ ދުވަހު އެރަށުން މާލެ ދިޔަ 72 އަހަރުގެ ފިރިހެނެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެޗްޕީއޭއިން މިހާރު ވަނީ ހުރާގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް ކާފިއު ވެސް އިޢުލާނު ކޮށްފައެވެ.

ހުރާ ސިއްޙީ މަރުކަޒުން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި އެރަށުން މިހާތަނަށް 111 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިއަދު އެކަނިވެސް އެރަށުން 7 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެރަށުން މިހާތަނަށް 549 މީހުންގެ ސާމްޕަލް ނަގާފައިވާއިރު، ނަތީޖާ ނުލިބޭ 125 ސާމްޕަލް އެބަ އޮތްކަމަށް ހުރާ ސިއްޙީ މަރުކަޒުން މަޢުލޫމާތު ދެއްވާފައިވެއެވެ. ހުރާއިން މިވަގުތު ޕޮޒިޓިވް ވެފައިތިބީ 92 ދިވެހިންނާއި، 19 ބިދޭސީންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން