ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރަމަޟާން މަސް އުނގަންނައިދޭ ފިލާވަޅަކީ އޯގާތެރިވުމުގެ ރޫޙު އަށަގެންނެވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

1442 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވެވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ޞާލިޙް ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަސް އުނގަންނައިދޭ އެންމެ މަތިވެރި ފިލާވަޅަކީ، ދަތިކަމާއި ނިކަމެތިކަމުގައި ދިރިއުޅޭ އެހެން އިންސާނުންގެ ޙާލަތު އިޙްސާސްކޮށް، އަނެކުންނަށް އެހީތެރިވެ އޯގާތެރިވުމުގެ ރޫޙު އަށަގެންނެވުން ކަމަށެވެ.

ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ރަމަޟާންމަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަށްވަމުން ރައީސް ޞާލިޙް ވަނީ އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އިސްލާމީ އުންމަތުގެ އެންމެހައި އަޚުންނާއި އުޚުތުންނަށްވެސް، މި ބަރަކާތްތެރި މައްސަރުގެ އިޚްލާޞްތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ދުނިޔޭގެ މިހާރުގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން އެއް ޤައުމު އަނެއް ޤައުމަށް އެހީތެރިވެ އެއްބާރުލުމުގެ ރިވެތި ނަމޫނާއެއް ދައްކަމުން އަންނަ މިފަދަ ދުވަސްވަރަކާއި، މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް އިއްތިފާޤުވެގެން އައުމަކީ، ރާއްޖެ ފަދަ އިސްލާމީ މުޖްތަމަޢަކަށް ނުހަނު ގިނަ ކަންކަން ހަނދާންކޮށްދީ، އެތައް ޢިބްރަތްތަކެއް ލިބިދޭނެ ކަމެއް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވިދާޅުވީ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ޢާންމު ދިރިއުޅުމުގެ ހުރިހާ ކަމަކަށް ބުރޫ އަރައި، އިޤްތިޞާދަށް ލޮޅުން އަރައި، ފަރުދުންގެ ފުދުންތެރިކަން ދަށްވެފައިވީ ނަމަވެސް، ދިވެހިންގެ އީމާންތެރިކަމާއި އިސްލާމީ އެއްބަނޑުއެއްބަފާކަމުގެ ވަރުގަދަ ގުޅުމުގެ ސަބަބުން، މިބަލިމަޑުކަމުގެ ތެރޭގައިވެސް، ދިވެހިންގެ ހިތްތަކުގެ ގުޅުން އިތުރަށް ވަރުގަދަވެ، އެކަކު އަނެކަކަށް އެހީތެރިވުމާއި އެއްބާރުލުމުގެ ރޫޙު އިތުރަށް އާލާވެއްޖެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ މި ބަރަކާތްތެރި މޫސުމުގެ މަންފާ އެންމެ ހެޔޮ ގޮތުގައި ހާސިލުކުރުމަށްޓަކައި، ރޯދައިގެ އަޅުކަން ފުރިހަމަކޮށް، ގިނަގިނައިން ޤުރްއާން ކިޔަވައި، ރޭއަޅުކަންކޮށް، ޞަދަޤާތް ދީ، މީސްތަކުންނަށް ހެޔޮ ފޯރުވައި އުޅުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން