ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު
ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު
މިޔަރުގެ މަސްވެރިކަމަށް ހުއްދަ ނުދޭން ނިންމާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ސަރަޙައްދުގައި މިޔަރު އާދަޔާ ޚިލާފަށް އިތުރުވެފައިވާ ކަމަށްބުނެ މަސްވެރިން ކުރަމުންދިޔަ ޝަކުވާތަކާ ގުޅިގެން އެކަމާ ގުޅޭ ދިރާސާއެއް މެރިން ރިސާޗް ސެންޓަރާ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި މިޔަރު ހިމާޔަތްކުރި ތާރީހުން ފެށިގެން މިހާތަނަށްވެސް އޭގެ އާބާދީ އާދަޔާ ޚިލާފަށް އިތުރުވެފައިވާ ކަން ފާހަގަ ނުވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގެ އެތެރެވަރީގައި މިޔަރުގެ އާބާދީ އިތުރުވެފައިވަނީ، މިޔަރަށް ކާންދިނުން އިތުރުވުމާއި ގިނަ ދުވަސް ވަންދެން ހަލާކުނުވާ ބާވަތުގެ ތަކެތި ކަނޑަށް އަޅާތީ މިޔަރު ޢާއިލާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކުގެ ސަބަބުން ކަމަށް ބެލެވޭކަމަށެވެ.

އެހެންކަމުން މިޔަރުގެ މަސްވެރިކަމަށް ހުއްދަ ނުދޭން ނިންމާފައިވާ ކަމަށާއި، ނަމަވެސް މިޔަރުގެ ސަބަބުން ކަންނެލީގެ މަސްވެރިކަމަށް ކުރަމުންދާ އަސަރުތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރެވުނު ކަމަށް މިނިސްޓަރީން ވަނީ ބުނެފައެވެ. އަދި ކަންނެލީގެ މަސްވެރިކަން ކުރަމުންދާ އިރު، މިޔަރު ބޭނިދާނެ ހާލަތްތަކާ ގުޅޭ ގޮތުން އެ މިނިސްޓްރީގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށާއި، ނަމަވެސް މިޔަރު މަސްވެރިކަމަށް ހުއްދަ ދޫކުރަން އެއްވެސް ލެވަލްއެއްގައި މަޝްވަރާކޮށްފައި ނުވާ ކަމަށް މިނިސްޓަރީގެ ބަޔާނުގައިވެއެވެ.



2010 ވަނަ އަހަރު ރާއްޖޭގައި ޙިމާޔަތްކުރި މިޔަރު، މިހާރު އާދަޔާޚިލާފަށް އިތުރުވެފައިވާތީ، މިޔަރުގެ މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ވިސްނަމުންދާކަމަށް ދާދިފަހުން މިނިސްޓަރ ޒަހާ ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިޔާސަތު ކަނޑައެޅުމުގައި ފިޝަރީޒް މިނިސްޓަރ ފެއިލްވެފައިވާ ކަމަށް ބުނެ މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ދާދިފަހުން މަޖިލީހަށްވެސް ވަނީ ހުޏައަޅާފައެވެ. ނަމަވެސް މައްސަލާގައި ސޮއިކުރެއްވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ސޮއި އަނބުރާ ގެންދެވުމުން އެ މައްސަލަ ވަނީ ބާތިލު ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން