މަސްވެރިން މަސްވެރިކަމުގައި (ފޮޓޯ: މަސްވެރިން.އެމްވީ)
މަސްވެރިން މަސްވެރިކަމުގައި (ފޮޓޯ: މަސްވެރިން.އެމްވީ)
މި މަހުގެ 25 އިން ފެށިގެން 28 ގެ ނިޔަލަށް ދޯންޏަކުން 4 ޓަނު މަސް ގަތުމަށް ނިންމައި ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން މަސްގަތުން ކޮންޓްރޯލް ކުރަން މިއަދު ނިންމައިފިއެވެ.

މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ދޯނިފަހަރު އެއްފަހަރާ ދެކުނުގެ ސެންޓަރުތަކާއި ބޯޓު ފަހަރަށް މަސްކިރުވުމަށް އަންނަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބެމުންދާ ކަމަށާއި އެހެންކަމުން މަސްކިރުވުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.

އެހެންކަމުން މި މަހުގެ 25 އިން ފެށިގެން 28 ގެ ނިޔަލަށް ދޯންޏަކުން 4 ޓަނު މަސް ގަތުމަށް ނިންމާފައިވާ ކަމަށާއި، ނަމަވެސް ކޫއްޑޫ އާއި އައްޑޫގައި މިހާރު ކިއު ނަންބަރު ދޫކޮށްފައިވާ ދޯނިތަކުގެ މަސް ލިމިޓެއްނެތި ގަންނާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މިފްކޯ އިން އިއްޔެ ބުނީ ކޯލްޑް ސްޓޯރުތައް ފުރެމުން އަންނާތީ ޖާގަ ހެދުމުގެ ގޮތުން މެދުކެނޑުމެއް ނެތި ކެރިއާ ބޯޓުތައް ގެނެސް ލޯޑުކޮށް، އެކްސްޕޯޓް ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ މަސްވެރިންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަވަސް ހިދުމަތްތަކެއް ދިނުމަށް ކަމަށާއި މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ، ދެވޭ ހިދުމަތަކީ މަސްވެރިންނަށް ފަސޭހަ ހިދުމަތަކަށް ހެދުމަށް ކަމަށެވެ.

ސަރުކާރުން ވަޢުދުވެފައިވާ ގޮތަށް މަސްވެރިންބާނާ މަސްކޮޅު ބަރާބަރަށް ނުކިރުމާއި މަހަށް ހަމައަގު ނުލިބުމާއި އައިސް ލިބުމުގައި ހުރި މައްސަލަތައް ހައްލު ނުކޮށްދެވޭ ކަމަށް ބުނެ މަސްވެރިން ގެންދަނީ އަޑުއުފުލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން