ފުރަހަނި ޝުޢައިބު (ކ) ރައީސް ނަޝީދު (މ)
ފުރަހަނި ޝުޢައިބު (ކ) ރައީސް ނަޝީދު (މ)
އެމްއެމްޕީއާރުސީ ޚިޔާނާތުގެ އެންމެ ބޮޑު މަންފާ ނެގީ "އަންނި ބްރޯ" ކަމަށް ރައީސް ނަޝީދުގެ ދައުރުގައި ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަޤާމު އަދާކުރެއްވި ޝުޢައިބް ޢަލީ، ފުރަހަނި ޝުޢައިބު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލިދާނެ ކަމަށެވެ. އަދި މިހާރުގެ ސަރުކާރާއި މަޖިލިސް އުފެދިފައިވަނީ އެމްއެމްޕީއާރުސީގެ ވައްކަމުގެ ހަގީގަތް ހޯދައި، އެ ފައިސާ ހޯދުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ މައްސަލާގައި ރައީސް ނަޝީދަށް ރައްދު ދެއްވަމުން އެމްޑީޕީގެ އިސްމަޤާމުތަކެއް މީގެ ކުރިން އަދާކުރަށްވައި ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި މީގެ ކުރިން ފާހަގަ ކުރެވުނު ޝުޢައިބް ވިދާޅުވީ، ޚިޔާނާތުގެ އެ މައްސަލަ ބަލައިފިނަމަ ރައީސް ނަޝީދުގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި އެކަމާ ޝައްކު ނުކުރަށްވާ ކަމަށްވެސް ފުރަހަނި ޝުޢައިބް ވިދާޅުވިއެވެ. އެގޮތުން ޚިޔާނާތުގެ ފައިސާގެ އެންމެ ބޮޑު މަންފާއެއް ނެގީ ރައީސް ނަޝީދު ކަމަށް ޝުޢައިބު ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީގެ އެންމެ ބޮޑު މަންފާ ނަގައި ޤާނޫނު އަސާސީ ވިއްކާލި ޑީލްގެ މުގުލުގައި ހުރީ އަންނި ބްރޯ." ޝުޢައިބު ވިދާޅުވިއެވެ.



ޝުޢައިބު ފަހަކަށްއައިސް ފާހަގަ ކުރެވިފައިވަނީ، ރައީސް ނަޝީދާއި އެމްޑީޕީއަށް ފާޅުގައި ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި އެފަދަ މައްސަލަތަކާ ގުޅިގެން އެމްޑީޕީން ވަނީ ޝުޢައިބަށް ފިޔަވަޅުއަޅައި ޕާޓީގައި އޭނާ އަދާކުރަމުން ދިޔަ މަޤާމުންވެސް ވަކިކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އެތައް މިލިއަން ރުފިޔާއެއް ގެއްލުނު މައްސަލައިގައި 270 އެއްހާ މީހުންނަށް ދައުވާކުރުމަށް އެ މައްސަލަ ބަލާ އެސެޓް ކޮމިޝަނުން މިހާރުވެސް ފާހަގަކޮށްފައިވާއިރު އެ ދައުވާތައް ކުރިއަށްދާނެ ކަމަށް ރައީސް ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ބެލުމަށް ބޭރުގެ އެކި ފަރާތްތަކުގެ އެހީތެރިކަން ހޯދިދާނެ ކަމަށެވެ. އެމްއެމްޕީއާރުސީގެ މައްސަލައިގެ މައުލޫމާތު ހިމެނޭ ޕެންޑްރައިވެއް އެމަނިކުފާނު ޤައުމީ ސަލާމަތުގެ ޚިދުމަތްތަކުގެ ކޮމިޓީއަށް ފޮނުއްވާފައިވާ ކަމަށާއި، އެ ޕެންޑްރައިވް މަޖިލީހުގައި އަރުޝީފް ކުރެވިފައިވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން