ކުރީގެ ރައީސް ޢަބްދުﷲ ޔާމީން (ވ) އާއި ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް (ކ)
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން (ވ) އާއި ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް (ކ)
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލަށްލީ ރައީސް ޞާލިޙްގެ އޯޑަރަށް ކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ މައްސަލާގައި ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާއިރު، އެ މައްސަލާގައި އިސްކޮށް ޙަރަކާތްތެރިވި އަޙްމަދު އަދީބަށްވެސް ވަނީ 20 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ނަމަވެސް އަދީބު ޙުކުމް ތަންފީޒު ކުރަށްވަމުން ގެންދަވަނީ ގޭގައި ހުނަންވައިގެންނެވެ.

އެކަމާ ގުޅިގެން ޑރ. ޖަމީލް މިއަދު ވިދާޅުވީ، އަދީބާއި ޑީލް ހަދައިގެން ރައީސް ޔާމީން ޖަލަށްލީ ރައީސް ޞާލިޙްގެ އޯޑަރަށް ކަމަށާއި، ނަމަވެސް ރައީސް ނަޝީދާއި، ކޮއްކޯފުޅު އީވާ ޢަބްދުﷲ ހިންގަވާ މަޖިލީހުގައި އިންތިޚާބާ ދިމާކޮށް ޖަހާ ބޯޅައަކަށް އެމްއެމްޕީއާރްސީ ހެދުމުން ބޭޒާރުވަނީ އަމިއްލައަށް ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

"ރައީސް ޔާމީން ސަލާމަތްކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް. ބަދަލްކުރެވޭނެ. ނުކުންނަންވީ." ޑރ. ޖަމީލް ވިދާޅުވިއެވެ.



އަދި ޑރ. ޖަމީލް ވަނީ މި ސަރުކާރު ބަދަލު ކުރެވޭނެ ކަމަށާއި އެކަން ކުރުމަށް ރައްޔިތުން ނިކުތުމަށް ގޮވާލަށްވާފައެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ މެންބަރުން ބޭނުންފުޅުވާނަމަ އެމްއެމްޕީއާރުސީގެ ޚިޔާނާތުން ގެއްލުނު 70 މިލިއަން ޑޮލަރު ދުނިޔޭގެ ފޮރެންސިކް މާހިރުން މެދުވެރިކޮށް ހޯދައި ރާއްޖޭގެ ޚަޒާނާއަށް ގެނެވިދާނެ ކަމަށެވެ. އަދި މިހާރުގެ ސަރުކާރާއި މަޖިލިސް އުފެދިފައިވަނީ އެމްއެމްޕީއާރުސީގެ ވައްކަމުގެ ހަގީގަތް ހޯދައި، އެ ފައިސާ ހޯދުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ނަމަވެސް އެފައިސާ އަދި އެމަނިކުފާނު ދަޢުލަތަށް ދައްކަވާފައެއް ނުވެއެވެ. މިމައްސަލައިގެ އިސްތިއުނާފުގެ މައްސަލާގައި ހައިކޯޓުންވެސް ވަނީ ދަށު ކޯޓުގެ ޙުކުމަށް ތާޢީދުކޮށްފައެވެ. އަދި ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން