މޯލްޑިވްސް ގޭސް ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިކްރާމް
މޯލްޑިވްސް ގޭސް ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިކްރާމް
ކޯވިޑާއި ގުޅިގެން އޮކްސިޖަން ގަންނަން ހަވާލުކުރުމުން އޮޅުވާލައިގެން ބާ އޮކްސިޖަން ސިލިންޑަރުތަކެއް ރާއްޖެއަށް ގެނައި މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ކޯވިޑް-19 އާ ގުޅިގެން މޯލްޑިވްގޭސްއާ ހަވާލުކޮށްގެން ރާއްޖެ ގެނެސްފައިވާ މެޑިކަލް އޮކްސިޖަން ސިލިންޑަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގާފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ 55 މެމްބަރުންގެ ވޯޓުންނެވެ. މަޖިލީހުން ފާސްކޮށްފައިވަނީ، ގެއްލުމުގެ ބަދަލު ހޯދުމަށާއި އެކަމަށް ހަރަދު ކުރި ފައިސާ ހޯދުމަށް ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށެވެ.

ކޯވިޑް-19އާ ގުޅިގެން 4218 އޮކްސިޖަން ސިލިންޑަރު ރާއްޖެ ގެނެސްފައިވެ އެވެ. އޭގެތެރެއިން 1000 ސިލިންޑަރު އެންމެ ފުރަތަމަ ގެނައީ ސިންގަޕޫރުގެ އޭއެންޖީ ކުންފުނިންނެވެ. އަދި ބާކީ 3218 ސިލިންޑަރު ގެނައީ ސިންގަޕޫރުގެ އެހެން ކުންފުންޏެއް ކަަމަށްވާ ޕްރޯބިޒް ކުންފުނިންނެވެ. ދެ ކުންފުނިންވެސް ބާ ސިލިންޑަރު ތަކެއް ގެނެސްފައި ވާއިރު އޭގެ ބަދަލު ހޯދަން މޯލްޑިވްގޭހުން މަސައްކަތް ނުކުރާ ކަމަށް އެސްއޯއީ ކޮމިޓީން ވަނީ ފާހަގަ ކޮށްފައެވެ.

ގޭސް ސިލިންޑަރުތައް ގަންނަން އޭއެންޖީ ކުންފުންޏަށް 253،000 ޔޫއެސް ޑޮލަރު އަދި ޕްރޯބިޒްއަށް 702،090 ޔޫއެސް ޑޮލަރު ހަރަދުކޮށް ޖުމްލަ 955،099 ޔޫއެސް ޑޮލަރު ހޭދަކޮށްފައިވެ އެވެ. އަދި 300 ސިލިންޑަރު ޓެސްޓް ކުރުމަށާއި އެތަކެތި ލަންކާއަށް ފޮނުވުމަށް ޖުމްލަ 15،038 ޑޮލަރު މޯލްޑިވް ގޭހުން ހަރަދުކުރި އެވެ.

ސިންގަޕޫރުުގެ ދެ ކުންފުނިން އެ ސިލިންޑަރުތައް ގަތް ދުވަސްވަރު މޯލްޑިވްގޭސްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ އޭރުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމެވެ. މި މައްސަލަ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލަން ފެށުމުން އިކްރާމް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އިކްރާމް އިސްތިއުފާދެއްވިއިރު، އިކްރާމްގެ ދެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމިޓީއިން ދަނީ ބަލަމުންނެވެ. އެގޮތުން އޮކްސިޖަން ސިލިންޑަރުތަކެއް މޯލްޑިވް ގޭސްއަށް ސަޕްލައި ކޮށްދިން ކުންފުނީގެ ހަރަދުގައި އިކްރާމް ސިންގަޕޫރަށް ދަތުރުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި މޯލްޑިވް ގޭސްގެ މުވައްޒިފުންތަކަކަށް އިކްރާމް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މީގެތެރޭގައި ހިމެނެއެވެ.

އޭގެތެރެއިން ޖިންސީ ފުރައްސާރައިގެ މައްސަލާގައި އިކްރާމް ހުންނެވީ ސަސްޕެންޑް ވެސް ކޮށްފައެވެ. އޮކްސިޖަން ސިލިންޑަރުތަކުގެ މައްސަލާގައި އެއީ ބަޔަކު އަޑީގައި ތިބެގެން އޭނާ ފްރޭމްކުރުމަށް ކުރި ކަމެއް ކަމަށް އިކްރާމް ވަނީ ވިދާޅުވެފައެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުގެ އެކި މުއައްސަސާ ތަކުން ޚަރަދު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް އިތުރުވެފައިވާއިރު މިހާތަނަށް އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލުތަކެއް ފެންމަތިވެފައިވަނީ ހެލްތު މިނިސްޓްރީގެ ތެރެއިންނެވެ. އެގޮތުން ކޮވިޑްގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށްޓަކާ އެތެރެކުރަން އުޅުނު ވެންޓިލޭޓަރުތައް ގަތުމުގައި ޚިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ވަނީ ފާހަގަ ކުރެވިފައެވެ. ދުބާއީގެ ކުންފުންޏަކާއި އެކު ވެންޓިލޭޓަރު ގަތުމަށް ހިންގާފައިވާ މުއާމަލާތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތައް ހިންގާފައިވާ ކަމަށް ހާމަވުމުން އޭރުގެ މިނިސްޓަރ އަމީން ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އެމައްސަލަ އޭސީސީން ތަހުގީގުކޮށް ދައުވާކޮށްދިނުމަށް ޕީޖީއަށް ފޮނުވި ނަމަވެސް އެމައްސައިގައި ދައުވާ ކުރެވޭނެ އެއްވެސް މަގެއް ޕީޖީއަކަށް އަދި ފެނިވަޑައެއް ނުގަނެއެވެ. ދައުވާ ނުކުރާން ބަހަނާ ދައްކަވަމުން ގޮސް އެންމެފަހުން ޕީޖީ ވިދާޅުވީ މައްސަލަ ތަހުގީގު ކުރުމުގައި އުންސުރު ހަމަނުވާ ކަމަށެވެ. ދެން އެމައްސަލައިގައި ފާޑުކިޔާން ފެށުމުން އުންސުރު ހަމަވާގޮތް އަމިއްލަ ބްލޮގްގައި ލިއުއްވައިގެން ސާފުކޮށްދެއްވާން ވެސް އުޅުއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން