ކޮވިޑް 19 ގައި ހާލުބޮޑުވާ ބަލިމީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 އައިސީޔޫ ފުރިއްޖެެެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ގައި ވެންޓިލޭޓަރުގައި މިވަގުތުވެސް ހަ މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. ޑީއެޗް 11 ގެ އައިސީޔޫގައި ޖުމްލަ ނުވަ މީހަކަށް ފަރުވާދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖުމްލަ 200 މީހުން މިވަގުތު ހޮސްޕިޓަލައިޒް ކުރެވިފައިވޭ، އޭގެތެރެއިން ހަ މީހަކު މިވަގުތު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ޑީއެޗް 11 ގެ ވެންޓިލޭޓަރުގައި. ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ގާތްގަނޑަކަށް މިހާރު މިއޮތީ ފުލްވެފައި." މަބުރޫކް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް 181 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާކަމަށް މަބުރޫކް ވިދާޅުވިއެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީވެސް ފުރުމާ ގާތުގައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އެކަކީ މާބަނޑު މީހެކެވެ. މިއީ މާބަނޑު މީހަކަށް ކޮވިޑް ޖެހި ހާލު ސީރިއަސްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.



ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވަމުންދާއިރު މިއަދުވެސް 601 މީހަކަށް ރާއްޖެއިން ބަލިޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. މިއަދަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި ދުވަސް ކަން ފާހަގަކޮށްލެވެއެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑު ޖެހިފައި ތިބީ 6،508 މީހުންނެވެ. މާލެ ސަރަހައްދުގައި އެއްވެސް ކޮންޓްރޯލެއް ނެތި ބަލި ފެތުރެމުންދާއިރު އަތޮޅުތަކުގެ ގިނަ ރަށްތަކަކަށް މިހާރުވެސް ވަނީ ބަލި ފެތުރިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން