މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު
މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު
އެމްއެމްޕީއާރުސީ ލިސްޓް ޢާއްމުކުރަންޖެހޭނީ އުނި އިތުރަކާ ނުލައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީން ޚިޔާނާތުގެ ލިސްޓު ދިރާސާކޮށް ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، އެ ލިސްޓު ޢާއްމު ކުރަން ވާނީ އޭގެ ތެރޭގައި ދަޢުވާ ނުކުރާ މީހަކު އޮތްކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ވަނީ ވިދާޅުވެފައެވެ. އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ އިޒްނަ ނެތި ލިސްޓު ޢާއްމު ކުރުމަކީ ޒިންމާދާރު ކަމެއް ނޫންކަމަށް އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފްވެސް ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވީ، އުނި އިތުރު ނުގެނެސް އެމްއެމްޕީއާރްސީގެ ލިސްޓު އާންމުކުރަންޖެހޭ ކަމަށާއި، ބޭނުން ނަމެއް އިތުރުކޮށް އަދި އުނިކޮށް ހެދުން އެއީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

"މޮޑޭ ފުށްގަނޑަކަށް އެމްއެމްޕީއާރްސީގެ ވައްކަން ނުހައްދަވާ. މަޖިލިސް ވިޔަސް، ސަރުކާރު ވިޔަސް، އިސްތިސްނާ ވާކަށް ނުޖެހޭ. އެއީ ސިޔާސީ ޕާޓީއެއްގެ ހައްގެއް ނޫން." މެންބަރު ސަޢީދު ވިދާޅުވިއެވެ.



އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި ނަން އޮތް ދައުލަތުގެ މަގާމުތަކުގައި މިހާރު ތިބި މީހުން ތަހުގީގު ނިމެންދެން މަގާމުން އެކަހެރި ކުރަން އެންގުމަށް އެމްއެމްޕީއާރުސީ މައްސަލައިގެ ދިރާސާ ރިޕޯޓުގައި ހިމަނަން މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲވެސް ވަނީ ހުށަހަޅައިފަ އެވެ. މީގެ ކުރިން ސިއްރުން ކުރިއަށް ގެންދިޔަ ކޮމިޓީ ބައްދަލުވުން ރައްޔިތުންގެ ޕްރެޝަރާއެކު ރޭ ކުރިއަށް ގެންގޮސްފައިވަނީ ޢާއްމުކޮށް ހުޅުވާލައިގެންނެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރާ ލިސްޓަށް މިހާރު 14 މީހަކު އިތުރުވެފައިވާއިރު، އެ ލިސްޓުގައި މިހާރު 281 މީހުންގެ ނަން ހިމެނެއެވެ. ކުރިން ތަހުގީގީ އިދާރާތަކުން ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީ ކޮރަޕްޝަން ލިސްޓްގައި ހިމެނެނީ 267 މީހެއްގެ ނަންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން