ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ހިންގި ހިޔާނާތުގައި ހިމެނޭކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ތަޙުޤީޤަށް ފާހަގަވެފައިވާ މީހުންގެ ލިސްޓުގައި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކު ހިމެނޭކަން ހާމަވެއްޖެއެވެ.

މަޖިލީހުން ޢާއްމުކޮށްފައިވާ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރުން ހިމެނޭއިރު އޭގެ ތެރޭގައި އެމްޑީޕީ މެމްބަރުންނާއި ޕީޕީއެމް/ޕީއެންސީ މެންބަރުން އަދި ޖުމްހުރީ ޕާޓީގެ މެންބަރުން ހިމެނެއެވެ.

ޚިޔާނާތުގެ ލިސްޓުގައި ހިމެނޭ އެމްޑީޕީ މެންބަރުންނަކީ، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމާއި، މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރާއި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އެވެ.

މިހާރު މަޖިލީހުގައި ތިއްބެވި ޕީޕީއެމް/ޕީއެންސީގެ ގިނަ މެމްބަރުން ލިސްޓުގައި ހިމެނިފައިވެއެވެ. އެގޮތުން މާވަށު ދާއިރާގެ މުހައްމަދު ސައީދާއި، ތ. ގުރައިދޫ ދާއިރާ މެންބަރު ޣައްސާން މައުމޫނާއި، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) އާއި، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު މުހައްމަދު ހުސައިން ލަތީފު (ސެމްބެ) އާއި، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި، ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ގެ ނަން ލިސްޓުގައި ހިމެނިފައިވެއެވެ.

އޭގެ އިތުރުން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން (މިނިވަން މެންބަރު) އާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު އާއި، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެންބަރުން ކަމަށްވާ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ގެ ނަންވެސް ޚިޔާނާތުގެ ފައިސާއިން މަންފާ ލިބުނު މީހުންގެ ލިސްޓުގައި ހިމެނެއެވެ.

ކޮމެޓީން ނިންމާފައިވަނީ، އެމް.އެމް.ޕީ.އާރް.ސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކުރާއިރު، އެފަރާތްތަކާމެދު އެވަގުތަކު އެޅެންހުރި މުހިއްމު ފިޔަވަޅުތައް އެޅުމަށް ފެންނަކަމަށާއި، އެގޮތުން ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަޤާމުތަކުގެ ތެރެއިން ވަކިކުރެވޭނެ ފަރާތްތައް އެވަގުތަކު ހުރި މަޤާމަކުން ވަކިކުރުމަށް ފެންނަކަމަށެވެ.

އަދި އިންތިޚާބީ މަޤާމުތަކުގައި ތިބި ފަރާތްތައް މަޤާމުން ވަކި ކުރެވޭނީ އެ ފަރާތެއް އަމިއްލައަށް އެ މަޤާމުން އިސްތިއުފާދިނުމުން ނުވަތަ ޝަރުޢީ ޙުކުމަކުންކަމަށްވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ދެންނެވުމަށް ފެންނަކަމަށް މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން