ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި އެމްއެމްޕީއާރްސީގެ ތެރެއިން ހިންގާފައިވާ ޚިޔާނާތުގެ ބައިވެރިންނާއި އެޚިޔާނާތުން މަންފާ ލިބުނު ކަމަށްބުނާ މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުން އާންމު ކުރީ ލިސްޓް ދިރާސާކޮށް ރިޕޯޓް އެކުލަވާލި ކޮމިޓީން ބޭނުންވާ އުނިއިތުރު ލިސްޓަށް ގެނަސްފައި ކަމަށް 18 ވަނަ މަޖިލީހުގެ ނާއިބް ރައީސް ރީކޯ މޫސާ މަނިކު ތުހުމަތު ކުރަށްވައިފިއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ ބަލަނީ ކުރިން ހިންގާފައިވާ އެފަދަ މައްސަލަތައް ބަލައި ގެއްލިފައިވާ ފައިސާ ހޯދުމަށް ރައީސް ސޯލިޙް އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނުންނެވެ. އެކޮމިޝަނުން މި ތަހުގީގު ހިންގަނީ ފުލުހުންނާ އަދި ކަމާބެގޭ އެހެން ފަރާތްތަކާ ވެސް ގުޅިގެން ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. ކޮމިޝަނުން ބަލަމުންދާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވާ ފަރާތްތަކާއި އެޚިޔާނާތުން މަންފާ ލިބިފައިވާ ފަރާތްތަކުގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ އެދުމުގެ މަތީން އެމަޖިލީހާއި ހިއްސާ ކޮށްފައިވަނީ ހުސްވި ހަފުތާގެ ތެރޭގައެވެ. މިމައްސަލައާގުޅޭ ލިސްޓެއް މަޖިލީހުން އާންމު ކުރުމުގެ ކުރިން މީސް މީޑިއާގައިވެސް އެފަދަ ލިސްޓެއް ލީކްކޮށްލާފައި ވެއެވެ. ދެލިސްޓް އަޅާ ކިޔާލުމުން މަޖިލީހުން ނެރުނު ލިސްޓުގައި ރީކޯ މޫސަ އެވިދާޅުވާ ގޮތަށް ބައެއް ނަންތައް އުނިވެފައި ހުރިކަން ފާހަގަ ކުރެވެއެވެ. ނަމަވެސް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް ބައެއް މީޑިއާތަކުގައި ވިދާޅުވެފައިވަނީ މަޖިލީހުން އާންމުކުރީ އެކޮމިޝަނުން ފޮނުވި ލިސްޓް ކަމަށެވެ.

މަޖިލީހުން ނެރުނު ބޮޑުޚިޔާނާތާ ގުޅޭ ލިސްޓަށް ފާޑުވިދާޅުވަމުން ރީކޯ މޫސަ ވަނީ މަޖިލީހުގެ ކުރީގެ ނާއިބްރައީސާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަންގެ ނަން ލިސްޓުގައި ބާއްވާފައި މިހާރުގެ ނާއިބްރައީސާއި މިހާރުގެ ޗެއާޕާސަންގެ ނަން ކޮބައިތޯ ސުވާލު ކުރަށްވާފައެވެ.



"މީ ހާދަފައްކާ ކޮމެޓީއެކޭ.! މަޖްލީހުގެ ކުރީގެނައިބު ރައީސްއާއި އެމްޑީޕީގެ ކުރީގެ ޗެއަރ ޕަރސަންގެނަން ލިސްޓުގަ ބާއްވާފަ މިހާރުގެ ނައިބުރައީސް؟؟ އާއި މިހާރުގެ ޗެއަރޕާސަންގެނަން ލިސްޓުންއުނިކޮށްފަ ލިސްޓު ނެރެފި؟ ކޮމެޓީލައިވްކޮށްފަ ގެންދާކަށްވެސްނުކެރުނު؟" ރީކޯ މޫސަ ވިދާޅުވެފައި ވެއެވެ.

ރީކޯ މޫސަގެ އިތުރުން ވެސް އެ ލިސްޓް ނެރުމުން ލިސްޓްގައި ނަން ހިމެނިފައިވާ ގިނަ ބަޔަކުވަނީ ލިސްޓް އެކުލަވާލި ފަރާތްތަކަށް ފާޑު ވިދާޅުވެފައެވެ. އަދި ތަހުގީގެއް ނުހިންގާ ހަމައެކަނި މައުލޫމާތު ސާފުކުރަނީ ކަމަށް ބުނެ ގިނަ ބައެއްގެ ނަން ޚިޔާނާތްތެރިންގެ ލިސްޓުގައި ހިމެނުމަކީ ގަސްތުގައި ވަކި ބައެއްގެ އަބުރު ކަތިލުމަށް ކޮށްފައިވާ ކަމެއް ކަމަށް ލިސްޓުގައިވާ ގިނަ ބޭފުޅުން ވިދާޅުވެފައި ވެއެވެ.

މަޖިލީހުން ބޭނުންވާ ގޮތަށް ލިސްޓަށް އުނިއިތުރު ގެނައުމަށްފަހު އާންމުކޮށްފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުން ގެންދިޔަ ނަމަވެސް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަސްއަދު ވިދާޅުވެފައިވަނީ އެއީ ކޮމިޝަނުން މަޖިލީހާ ހިއްސާކުރި ލިސްޓު ކަމަށެވެ. އަދި އެލިސްޓުގައި ހިމެނޭ އެންމެންނަކީ ކުށްވެރިން ނޫންކަމަށް އޭނާ ވިދާޅުވި ނަމަވެސް އެލިސްޓްގައި ނަން ހިމެނުމަކީ ރައްޔިތުންގެ ކުރިމަތީގައި އެމީހެއްގެ އަބުރު ކަތިލެވި އަގުވެއްޓިގެންދާނެ ކަމެއް ކަމަށް ލިސްޓްގައި ނަން ހިމެނޭ ގިނަ ބޭފުޅުން ވިދާޅުވެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން