ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް
ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް
އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓު ފޮނުވީ ޒިންމާދާރުކަމެއްނެތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ހިންގި ހިޔާނާތުގައި ހިމެނޭކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ތަޙުޤީޤަށް ފާހަގަވެފައިވާ މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހުން ވަނީ ޢާއްމުކޮށްފައެވެ. ރިޔާސީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓުގައި ޖުމްލަ 281 ފަރާތެއްގެ ނަން ހިމަނާފައިވެއެވެ.

ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓުގައި އަދި ތަޙުޤީޤު ފަށާފައި ނުވާ މީހުންނާއި، މައްސަލާގައި ސުވާލެއްވެސް ކޮށްފައިނުވާ މީހުންގެ ނަން ހިމަނާފައިވާތީ މެންބަރު ޢަބަދުﷲ ރިޔާޒް ވިދާޅުވީ، މައްސަލައެއްގައި މީހެއްގެ މައްޗަށް ތުހުމަތު ކުރާކަން ނުވަތަ "ޕާސަންސް އޮފް އިންޓަރެސްޓް،" ކަން އެންގުމެއްނެތި އަދި ލިސްޓުގައި ހިމެނޭ ބައެއް ފަރާތްތަކާ އެއްވެސް ސުވާލެއްކުރުމެއްނެތި އެފަރާތްތަކުގެ ނަން ހިމަނައިގެން ލިސްޓެއް މަޖިލިހަށް ފޮނުވުމަކީ އެސެޓް ރިކަވަރީ ކޮމިޝަނުން ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރެއްވި ކަމެއް ކަމަށެވެ.

ރިޔާޒް މިމޭރުމުން ވިދާޅުވެފައިވާއިރު ލިސްޓުގައި ހިމެނޭ އެންމެންނަކީ ކުށްވެރިން ކަމަށް ނުބެލުމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަޙްމަދު އައްސަދު ވަނީ އެދިވަޑައިގެންފައެވެ. އަދި މަޖިލީހުން ޢާއްމުކޮށްފައިވާ ލިސްޓަކީ އެ ކޮމިޝަނުން މަޖިލިހަށް ފޮނުވި ލިސްޓަށް އެއްވެސް އުނި އިތުރެއް ނުގެނަސް ޢާއްމުކުރި ލިސްޓެއް ކަމަށް އައްސަދު ވިދާޅުވިއެވެ.

އެމް.އެމް.ޕީ.އާރް.ސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކުރާއިރު، އެފަރާތްތަކާމެދު އެވަގުތަކު އެޅެންހުރި މުހިއްމު ފިޔަވަޅުތައް އެޅުމަށް މި ލިސްޓު ދިރާސާކުރި މަޖިލީހުގެ ކޮމެޓީން ވަނީ ނިންމާފައެވެ. އެގޮތުން ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަޤާމުތަކުން ވަކިކުރެވޭނެ ފަރާތްތައް އެވަގުތަކު ތިބި މަޤާމަކުން ވަކިކުރުމަށް ފެންނަކަމަށް ވެސް ކޮމިޓީން ވަނީ ނިންމާފައެވެ. މި ލިސްޓުގައި އޭރާއި މިހާރު ދަޢުލަތުގެ މަޤާމުތަކުގައި ތިބި 119 މީހުން ހިމެނެއެވެ.

އަދި އިންތިޚާބީ މަޤާމުތަކުގައި ތިބި ފަރާތްތައް މަޤާމުން ވަކި ކުރެވޭނީ އެ ފަރާތެއް އަމިއްލައަށް އެ މަޤާމުން އިސްތިއުފާދިނުމުން ނުވަތަ ޝަރުޢީ ޙުކުމަކުންކަމަށްވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ދެންނެވުމަށް ފެންނަކަމަށް މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތްތެރިންގެ ލިސްޓު މަޖިލީހަށް ލިބުނު ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ޙަމަލާއެއްގައި ފުރާނައަށް ނުރައްކާވާފަދަ ޒަޚަމްތަކެއް ލިބިވަޑައިގެން އެމަނިކުފާނަށް ހޮސްޕިޓަލްގައި އަދިވެސް ދަނީ ފަރުވާ ދެމުންނެވެ. މަޖިލީހުން މިއަދު ޢާއްމު ކުރި ލިސްޓުގައި އެމްޑީޕީއާއި ރާއްޖޭގެ ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވާ އިސް ބޭފުޅުންގެ ނަންތައް ވެސް ހިމެނިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން