ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް
ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ ލޯޔަރުންނަށް ދިން ލޯޔަރުފީ ޚިޔާނާތުގެ ފައިސާއަކަށް ވަނީ ވަކި މީހަކު ނެގީމާ ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ހިންގި ހިޔާނާތުގައި ހިމެނޭކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ތަޙުޤީޤަށް ފާހަގަވެފައިވާ މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހުން ވަނީ ޢާއްމުކޮށްފައެވެ. ރިޔާސީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓުގައި ޖުމްލަ 281 ފަރާތެއްގެ ނަން ހިމަނާފައިވެއެވެ.

ލިސްޓުގައި ނަން ހިމަނާފައިވާ ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިންގެ ނަން ހިމަނާފައި ވާއިރު އަދީބު އަތުން ލިބުނު ފައިސާއަކީ އަދީބުގެ ދިފާޢީ ވަކީލެއްގެ ގޮތުގައި ޙަރަކާތްތެރިވުމުން ލިބުނު ވަކީލުފީ ކަމަށް ޢަލީ ޙުސައިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޢަލީ ޙުސައިންގެ ފަހުން އަދީބުގެ ވަކީލުންގެ ގޮތުގައި ޙަރަކާތްތެރިވި ފަރާތްތަކުގެ ނަން ޚިޔާނާތުގެ ލިސްޓުގައި ހިމަނާފައެއް ނުވެއެވެ. އޭގެތެރޭގައި މިހާރުގެ ޕީޖީ ޝަމީމުވެސް ހިމެނިވަޑައިގަންނަވައެވެ.

އެކަމާ ގުޅިގެން ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ވިދާޅުވީ، އަދީބަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދީގެން 2014 ގެ ކުރީކޮޅު ޢަލީ ޙުސައިނަށް ދިން ފައިސާއަކީ ހިޔާނާތުގެ ފައިސާކަމަށްވެފައި، ހިޔާނާތުގެ ކަންކަން ފަޅާއެރިފަހުން 2015 އިން ފެށިގެން އަދީބުގެ ވަކީލުކަންކުރި ފަރާތްތަކަށްދިން ފައިސާ އަކީ ހިޔާނާތުގެ ފައިސާއަށް ނުވުމަކީ ބޭއިންސާފުގެ އިންތިހާ ކަމަށެވެ.

2015 ގެ ފަހުން އަދީބުގެ ވަކީލުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެމްބަރު މޫސާ ސިރާޖާއި، މިހާރުގެ ޕީޖީ ޙުސައިން ޝަމީމް ވެސް ޙަރަކާތްތެރިވެ ވަޑައިގެންނެވިއެވެ. ނަމަވެސް އެއިން ބޭފުޅެއްގެ ނަން އެ ލިސްޓުގައި ހިމެނިފައެއް ނުވެއެވެ. އަދި އޭގެ ފަހުން އަދީބުގެ ވަކީލުކަން ކުރެއްވި ބޭފުޅަކުވެސް އެ ލިސްޓުގައި ހިމެނިފައެއް ނުވެއެވެ.

އެމް.އެމް.ޕީ.އާރް.ސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކުރާއިރު، އެފަރާތްތަކާމެދު އެވަގުތަކު އެޅެންހުރި މުހިއްމު ފިޔަވަޅުތައް އެޅުމަށް މި ލިސްޓު ދިރާސާކުރި މަޖިލީހުގެ ކޮމެޓީން ވަނީ ނިންމާފައެވެ. އެގޮތުން ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަޤާމުތަކުން ވަކިކުރެވޭނެ ފަރާތްތައް އެވަގުތަކު ތިބި މަޤާމަކުން ވަކިކުރުމަށް ފެންނަކަމަށް ވެސް ކޮމިޓީން ވަނީ ނިންމާފައެވެ.

މި ލިސްޓުގައި އޭރާއި މިހާރު ދަޢުލަތުގެ މަޤާމުތަކުގައި ތިބި 119 މީހުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން