ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ދިވެހިންގެ އަބުރު ކަތިލުމަކީ ދަޢުލަތުގެ ވެރިންނަށް ލިބޭ އުފަލެއް ކަމަށް ވިދާޅުވެ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވި މީހުން ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުން ނެރެފައިވާ ލިސްޓަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ހިންގި ހިޔާނާތުގައި ހިމެނޭކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ތަޙުޤީޤަށް ފާހަގަވެފައިވާ މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ޢާއްމުކޮށްފައެވެ. ރިޔާސީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓުގައި ޖުމްލަ 281 ފަރާތެއްގެ ނަން ހިމަނާފައިވެއެވެ. މީގެތެރޭގައި މައުލޫމާތު ސާފުކުރަމުން ގެންދާ މަރުހަލާގައި ހިމެނޭ ކަމަށްބުނާ ގިނަ ބައެއްގެ ނަންތައްވެސް ވަނީ ހިމަނާފައެވެ.

މިމައްސަލައިގައި ވާހަކަ ދައްކަވަމުން ސައިރިކްސް ޝަރީފް ވިދާޅުވީ، ޚިޔާނާތުގެ ފައިސާ ލިބުނު ލިސްޓުގައި ނަން ހިމެނޭ މީސް މީހުންގެވެސް އަބުރުވެރި ޢާއިލާތަކެއް އޮންނާނެ ކަމަށާއި، އެފަދަ ލިސްޓެއް ޢާއްމު ކުރުމުގެ ކުރިން އެކަމާމެދު ދަޢުލަތުގެ ވެރިން ވިސްނަންވާނެ ކަމަށެވެ. އަދި މިއީ ސިޔާސީ ބޭނުމަށް މީހުންގެ އަބުރު ކަތިލުން ކަމަށް ޝަރީފް ވިދާޅުވިއެވެ.



އެމް.އެމް.ޕީ.އާރް.ސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، މިހާތަނަށް ތަޙްޤީޤު ނިމިފައިވާ ފަރާތްތަކުގެ އަތުން އެފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާގައި ދެންނެވުމަށް ފެންނަކަމަށާއި، އެ މަސައްކަތް ކުރިއަށް ގެންދާގޮތް ރައްޔިތުންގެ މަޖިލީހުން ބަލަމުން ގެންދިއުމަށް ފެންނަކަމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ލިސްޓުގައި ހިމެނޭ ބައެއް ފަރާތްތަކުން ބުނަމުންދަނީ އެލިސްޓްގައި ނަން ހިމަނާފައިވަނީ އެފަރާތްތަކާއި އެއްވެސް ވަރަކަށް ސުވާލެއްވެސް ކޮށްނުލައި ކަމަށެވެ. އަދި މައުލޫމާތު ސާފުކުރަނީ ކަމަށް ބުނެ ޚިޔަނާތުގެ ލިސްޓުގައި ނަން ހިމެނުމަކީ ކަނޑައެޅިގެން އަބުރު ކަތިލުން ކަމުގައި އެފަފަރާތްތަކުން ބުނެއެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި ކުއްލިއަކަށް މުއްސަނދިކަންލިބި މަހުޖަނުންނަށްވީ ފަރާތްތަކުންވެސް ބުނަމުންދަނީ ޚިޔާނާތުގެ ފައިސާ ލިބިފައިނުވާ ކަމަށާއި، އަދީބު އަތުން ފައިސާއެއް ލިބުނަސް އެއީ ޚިޔާނާތުގެ ފައިސާއެއްކަން ނޭނގޭ ކަމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓުގައި ހިމެނޭ ގިނަ ފަރާތްތަކުން ވަނީ އެ ލިސްޓުގައި ނަން އޮންނަންޖެހޭ ސަބަބެއް ނެތްކަމަށް ވިދާޅުވެ އެކަމަށް އިންކާރު ކުރަށްވާފައެވެ. އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދުވެސް ވަނީ ލިސްޓުގައި ނަން ހިމެނޭ ކޮންމެ މީހަކީ ކުށްވެރިއެއް ކަމަށް ނުބެލުމަށް އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޙަސަންޝާކިރު

15-May-2021

ޝަރީފު ރައްޔިތުންގެ މީހަކަށް ފުރަތަމަ ވާންވީނޫތޯ? މަގާމެއް ބޭނުންފުޅުނަމަ ރައްޔިތުންގެ މީހަކަށް ބެބަލަ.



ޓްރެންޑިން