ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙްމަދު ސަޢުދު
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙްމަދު ސަޢުދު
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބެމުންދިޔައިރު އެވާހަކަ ނުދައްކައި ހަނުތިބީ އޭރު ލިބެމުންދިޔަ ފައިސާ ގިނަކަމުންތޯއޭ ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙްމަދު ސަޢުދު ސުވާލު އުފައްދަވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ހިންގި ހިޔާނާތުގައި ހިމެނޭކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ތަޙުޤީޤަށް ފާހަގަވެފައިވާ މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހުން ވަނީ ޢާއްމުކޮށްފައެވެ. ރިޔާސީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓުގައި ޖުމްލަ 281 ފަރާތެއްގެ ނަން ހިމަނާފައިވެއެވެ.

ލިސްޓުގައި ނަން ހިމަނާފައިވާ ބައެއް ފަރާތްތަކުން ފައިސާ ލިބުނުކަމަށް އިންކާރު ކުރަމުންދާތީ، އެކަމަށް ރައްދު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ނައިބުރައީސް އަޙްމަދު ސަޢުދު މިއަދު ވިދާޅުވީ، ކުއްލިޔަކަށް އެތައް ބަޔަކަށް މިލިއަނުން ފައިސާ ދެމުން ގެންދިޔައިރު އެފައިސާ ހޯދި ގޮތަކާމެދު އޭރު ސުވާލު އުފެދިފައި ނުވަނީ ލިބެމުން ދިޔަ ފައިސާ ގިނަކަމުން ކަމަށް ވެދާނެ ކަމަށެވެ. އަދި އޭރު ލިބެމުންދިޔަ ފައިސާއަށް ސުވާލެއް ނުކޮށް އެކަމާ އޯކޭ ވެފައި ހުރީ ކީއްވެތޯ ސަޢުދު ވަނީ ސުވާލު އުފައްދަވާފައެވެ.

"އެވަގުތު އަމިއްލަ ނަފްސަށް ސުވާލު ނުކުރީ ލިބުނު ވަރު ބޮޑުވީމަތޯ؟" ސަޢުދު ވިދާޅުވިއެވެ.



އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި މީހުންގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުން ޢާންމު ކުރުމުން، އެފައިސާ ލިބުނުއިރު އެއީ ޚިޔާނާތުގެ ފައިސާކަން ނޭނގޭ ކަމަށް ލިސްޓުގައި ނަން ހިމެނޭ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އެމް.އެމް.ޕީ.އާރް.ސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކުރާއިރު، އެފަރާތްތަކާމެދު އެވަގުތަކު އެޅެންހުރި މުހިއްމު ފިޔަވަޅުތައް އެޅުމަށް މި ލިސްޓު ދިރާސާކުރި މަޖިލީހުގެ ކޮމެޓީން ވަނީ ނިންމާފައެވެ. އެގޮތުން ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަޤާމުތަކުން ވަކިކުރެވޭނެ ފަރާތްތައް އެވަގުތަކު ތިބި މަޤާމަކުން ވަކިކުރުމަށް ފެންނަކަމަށް ވެސް ކޮމިޓީން ވަނީ ހުށައަޅާފައެވެ.

މި ލިސްޓުގައި އޭރާއި މިހާރުގެ ދަޢުލަތުގެ މަޤާމުތަކުގައި ތިބި 119 މީހުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން