ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ (ކ)
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ (ކ)
ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ ފޯނު ނަންބަރުވެސް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ، އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ކަމަށް ކުރެވޭ ތުހުމަތުތަކަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ އިންކާރު ކުރަށްވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ހިންގި ހިޔާނާތުގައި ހިމެނޭކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ތަޙުޤީޤަށް ފާހަގަވެފައިވާ މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހުން ވަނީ ޢާއްމުކޮށްފައެވެ. ރިޔާސީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓުގައި ޖުމްލަ 281 ފަރާތެއްގެ ނަން ހިމަނާފައިވެއެވެ.

ޚިޔާނާތުގެ ލިސްޓުގައި އީސަގެ ނަން އޮތުމާގުޅިގެން އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއު އެއްގައި މެންބަރު އީސަ ވިދާޅުވީ، އޭނަ އަދީބު ދަންނަކަމަށާއި ނަމަވެސް އަދީބު ދަންނަނީ ޕްރޮފެޝަނަލްކޮށް ކަމަށެވެ. އެހެންކަމުން އަދީބުގެ ފޯނު ނަންބަރުވެސް އޭނާގެ އަތުގައި ނޯންނަ ކަމަށާއި، އޭނާއަށް އަދީބު ފަސްލައްކަ ރުފިޔާ ދޭންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އީސަ ވިދާޅުވީ، އަދީބު މެދުވެރިވެގެން ހޯދި އެއްވެސް މަންފާއެއް ނޯންނާނެ ކަމަށާއި، ރަށެއްގެ ކަންތަކުގައި އިސްވެ އޭނާއާއި މުޢާމަލާތް ކުރަށްވާފައިވަނީވެސް އަދީބު ކަމަށެވެ.

އީސަގެ ކުންފުންޏަކުން އަދީބާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގާފައިވާނެކަން ފާހަގަކޮށް ޢީސަ ވިދާޅުވީ، އެ ކުންފުންޏަށް އަދީބުގެ ރަޙުމަތްތެރިއެއްގެ އަތުން އަދީބު ކުރި ވިޔަފާރި އަކަށް ފަސްލައްކަ ރުފިޔާގެ ޗެކެއް ލިބުނު ކަމަށެވެ. އަދި އެ މަޢުލޫމާތު އެސެޓް ރިކަވަރީ ކޮމިޝަނަށް ޙިއްސާކުރަށްވާފައި ވާނެކަމަށާއި ނަމަވެސް ކޮމިޝަންގެ ރައީސް އޭރު ވިދާޅުވެފައިވަނީ ޢީސައަށް ސުވާލު ކުރަންޖެހޭފަދަ ކަމެއް އަދި ވުޖޫދުވެފައި ނެތް ކަމަށް ކަމަށެވެ.

ރައީސް ޔާމީންގެ ދައުރުގައި އަދީބު ފަތުރުވެރިކަމާބެހޭ ވަޒީރު ކަމަށް ގެނައުމަށް އީސަ ވޯޓުދިން ސަބަބާ ގުޅޭގޮތުން ކުރެވުނު ސުވާލުގެ ޖަވާބުގައި އީސަ ވިދާޅުވީ، އެއީ ރައީސް ނަޝީދު ވިދާޅުވެގެން ލީ ވޯޓެއް ކަމަށާއި، އެވާހަކަ ރައީސް ނަޝީދު ވެސް ޢާއްމުކޮށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެއީ އޭރުގެ ޙާލަތަށް ބަލާއިރު ސިޔާސީ ގޮތުން ނިންމަންޖެހޭ ނިންމުމެއް ކަމަށް ޤަބޫލުކުރަށްވާ ކަމަށާއި، އެކަމާ ގުޅިގެންވެސް ފައިސާއެއް ލިބިވަޑައިގެންފައި ނެތް ކަމަށެވެ.

އެ ޕްރޮގްރާމްގައި އީސަ ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން އޭނާއަށް މަންފާއެއް ލިބިފައިވާކަމުގެ ހެއްކާއެކު ދަޢުވާކުރާ ހިސާބުން މަޤާމުން އިސްތިޢުފާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާގެ ސިޔާސީ ޙަޔާތް އޭނާ ކުރިއަށް ގެންދަނީ ވަރަށް ނަޒާޙަތްތެރިކަމާއެކު ކަމަށްވެސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން އީސަ ވިދާޅުވީ މަޖިލީހުގެ ކޮމެޓީން ކުރީ ޒިންމާދާރުކަން ކުޑަ މަސައްކަތެއް ކަމަށާއި، އެ މައްސަލަ އިމްތިޔާޒް ކޮމެޓީއަށް ހުށައަޅުއްވާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި މީހުންގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުން ޢާންމު ކުރުމުން، އެފައިސާ ލިބުނުއިރު އެއީ ޚިޔާނާތުގެ ފައިސާކަން ނޭނގޭ ކަމަށް ލިސްޓުގައި ނަން ހިމެނޭ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެފަދަ ބައެއް ފަރާތްތަކަށް މިހާރު އަދީބު އެނގޭ ކަމަކަށް ވެސް ނުވެއެވެ.

އެމް.އެމް.ޕީ.އާރް.ސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކުރާއިރު، އެފަރާތްތަކާމެދު އެވަގުތަކު އެޅެންހުރި މުހިއްމު ފިޔަވަޅުތައް އެޅުމަށް މި ލިސްޓު ދިރާސާކުރި މަޖިލީހުގެ ކޮމެޓީން ވަނީ ނިންމާފައެވެ. އެގޮތުން ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަޤާމުތަކުން ވަކިކުރެވޭނެ ފަރާތްތައް އެވަގުތަކު ތިބި މަޤާމަކުން ވަކިކުރުމަށް ފެންނަކަމަށް ވެސް ކޮމިޓީން ވަނީ ހުށައަޅާފައެވެ.

މި ލިސްޓުގައި އޭރާއި މިހާރުގެ ދަޢުލަތުގެ މަޤާމުތަކުގައި ތިބި 119 މީހުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން