ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް
މީހުންގެ ލޭ ހުއްދަ ކުރުމަށް ގޮވާލަމުންދާތީ އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.

މައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ މިފަހަކަށް އައިސް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަކިވަކި ފަރުދުންނާމެދު ނަފްރަތު އުފައްދައި އެމީހުންގެ ލޭ ހުއްދަކުރުމަށް ގޮވާލައި އެމީހުންނަކީ މުސްލިމުން ނޫންކަމަށް ބުނެ ތަފާތު ލޭބަލްތައް އެޅުވުން އާންމުވެފައިވާ ކަމަށެވެ. އަދި އެފަދައިން ޢަމަލުކުރާ ފަރާތްތަކަށް އަވަސް ފިޔަވަޅު އެޅުމަށް މީކާއީލް ހުށައެޅުއްވި މައްސަލާގައި ގޮވާލައްވާފައިވެއެވެ.

މި މައްސަލަ ބަލައިގަންނަން ފެންނަކަމަށް 33 މެމްބަރަކު މިއަދު ވޯޓު ދެއްވި އެވެ. އަދި ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިފަދަ މައްސަލައެއް ހުށައަޅާފައިވާއިރު، ރާއްޖޭގައި އިސްލާމް ދީނާ ޚިލާފު ވާހަކަތައް ދައްކާ ފަރާތްތަކާއި ދެކޮޅަށް މީސް މީޑިއާގައި އަޑު އުފުލައި އެފަދަ ފަރާތްތަކަށް ސަރުކާރުން އަދަބު ނުދޭތީ ބައެއް ފަރާތްތަކުން އަންނަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުނެވެ. މިފަދަ ބައެއް ފަރާތްތަކުގެ ތެރޭގައި ހިމެނޭ ހަރުކަށި ފިކުރުގެ މީހުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ދީނާ ޚިލާފުވާ ފަރާތްތަކަށް ނޫނީ އެމީހުންނަށް އެގޮތަށް ގަބޫލުކުރޭ ފަރާތްތަކަށް ހަރުކަށި އަދަބުދީ އަނިޔާ ދިނުމަށްވެސް ގޮވާލަމުން އަންނަކަން ފާހަގަ ކުރެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތަކަށް ތަރުހީބުދީ އެފަދަ އަމަލުތައް ހިންގުމުގައި ބައިވެރިވަނީ މިފަދަ ފަރާތްތަކުންނެވެ.

މިފަދަ ކަންކަން ދިވެހި މުޖުތަމަޢުން ފޮހެލުމަށްޓަކާ ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ގާނޫނުގައި ކަނޑައެޅުމަށް މަޖިލީހަށް ބިލެއް ފޮނުވުމަށްޓަކައި ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު މިހާރު ވަނީ ރައީސް އޮފީހަށް ބިލެއްވެސް ފޮނުއްވާފައެވެ. މި ބިލު ފޮނުއްވުމުގެ މަޤްސަދެއް ކަމަށް ބުނެފައިވަނީ، ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ނަފްރަތު އުފެދޭ ވާހަކަތައް ދެއްކުމުގެ ސަބަނުން ވަކިވަކި ފަރުދުންގެ ސަލާމަތަށް ނުރައްކާވާތީއެވެ. މީގެއިތުރުން އާންމު މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާގޮތަށް މުޖުތަމައުގައި އެކިހާދިސާތައް ހިނގަމުންދިއުމަކީ ވެސް މިފަދަ ބިލެއް އެކުލަވާ ލުމުގައި މައިގަނޑު ސަބަބެއް ކަމަށް ބުނެއެވެ.

މިފަދަ ބިލެއް ސަރުކާރުން އެކުލަވާލާ ފާސްކުރަން ނިންމާފައިވާއިރު މިހިނގާ މޭމަހުގެ ހަވަނަ ދުވަހު މާލޭގައި ވަނީ އެފަދަ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ދީފައެވެ. މިހަމަލާ އަމާޒު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށެވެ. މިހާދިސާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގެން މިހާރުވެސް ގެންދަވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން