ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ހަރުކަށިފިކުރާ ދެކޮޅަށް ފުލުހުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިއަދު ހުޅުމާލެއިން މީހަކު ހައްޔަރު ކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަން ތަކުގެ ތެރެއިން މިއަދު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައި ކަމަށެވެ. އެހެން ނަމަވެސް މިއީ ކޮންކަމަކާއި ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ފުލުހުން ވަނީ، ހަރުކަށި ފިކުރު ފަތުރާކަމަށް ތުހުމަތުކުރާ އިސްމީހަކު މާލެއިން ހައްޔަރުކޮށްފައެވެ. އަދި ބ. ދަރަވަންދޫގައި އޮޕަރޭޝަނެއް ހިންގައި އެރަށުންވެސް މީހަކު ހައްޔަރު ކޮށްފައިވެއެވެ. މީގެއިތުރުން އައްޑޫ ސިޓީގައި ޓެރަރިޒަމާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި އެންމެންގެ ބަންދުގެ މުއްދަތުވެސް ކޯޓުންވަނީ އިތުރުކޮށްދީފައެވެ.

މިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއަށްފަހު ސަލާމަތީ ބާރުތަކުގެ އެލާޓް ލެވަލް ވަނީ މަތިކޮށްފައެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަލަމާތީ ބާރުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. ރައީސް ނަޝީދަށް ޙަމަލާދިން މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ 4 މީހުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން