އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
ގއ. ކޮނޑޭ ކައުންސިލްގެ ރައީސްގެ ވޯޓު އަލުން ގުނުމަށް ހައިކޯޓުން ޙުކުމްކޮށްފި އެވެ.

ހައި ކޯޓުން މިގޮތަށް ހުކުމްކުރީ އެ ކޯޓަށް ހުށައަޅާފައިވާ އިންތިހާބީ ޝަކުވާގެ މައްސަލައެއް ބެލުމަށްފަހު އެވެ. އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށް އެމައްސަލަ ހުށަހެޅީ ދެ ވޯޓުގެ ތަފާތަކުން އިންތިހާބުން ނާކާމިޔާބުވި ޝުއައިބު މުހައްމަދު ދީދީ އެވެ. އޭނާގެ ވަކީލަކަށް ކޯޓުގައި ތަމްސީލްކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަލީ ސުލެއިމާނެވެ.

އެ މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ޙުކުމްގައި ވަނީ، ކޮނޑޭ ކައުންސިލްގެ ރައީސް ހޮވުމަށް ތިން ތަނެއްގައި ބެހެއްޓި ވޯޓު ފޮށީގެ ވޯޓުތައް އަލުން ގުނައި ނަތީޖާ އިއުލާނު ކުރުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.

އެ މައްސަލަ ބެލި ހައިކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަބްދުﷲ ހަމީދު އާއި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމްގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރްހީޒާއެވެ.

އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ޝުއައިބަށް 128 ވޯޓު ލިބުނު އިރު މިހާރުވެސް ކޮނޑޭ ކައުންސިލް ރައީސްގެ މަގާމުގައި ހުންނެވި އަދި އިންތިހާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓު އަހުމަދު އަބްދުލްހަކީމަށް ލިބުނީ 130 ވޯޓެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވާ 393 މީހުން ދިރިއުޅޭ ކޮނޑޭގައި، ކައުންސިލުގެ ރައީސް ކަމުގެ އިންތިހާބުގައި ވޯޓު ލާފައިވަނީ 337 މީހުންނެވެ. އެ ވޯޓުގައި 15 ވޯޓު ވަނީ ބާތިލްކަމަށް ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން