ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަމުގައި، މުލީއާގެ ކައިރީގައި އައިއީޑީއެއް ގޮއްވާލަން އުޅުނުކަމުގެ ކުށުގައި ހ. މިޓާޒް/ ތަލްއަތު މުހައްމަދު 17 އަހަރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2015 ވަނަ އަހަރުގައެވެ. އެގޮތުން އައިއީޑީ ބާއްވައިގެން ހއ. ހޯރަފުށީ/ އާރޯ، އަހުމަދު މަމްދޫހުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި 20 އަހަރަށް ޖަލަށް ލާން ހުކުމް ކުރިއިރު، މަމްދޫހުގެ ފަރާތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެކޯޓުން ވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ހިމެނޭ މަމްދޫހަށް ކުރި ހުކުމްގެ ބައި ބާތިލްކޮށް ހުކުމްކޮށްފައެވެ.

އޭނާގެ އިތުރުން މ. ހީރޯ/ މުހައްމަދު އުބައިދު އިބްރާހިމާއި، ތ. ތިމަރަފުށި/ ވިލާ، ޒިހާން މުހައްމަދު އަދި ތަލްއަތުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި 17 އަހަރުގެ ޖަލު ހުކުމެއް ދަށު ކޯޓުން ވަނީ އިއްވާފައެވެ.

އެ ޙުކުމް ތަލްއަތުގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމްކޯޓުން މިއަދު ކުރި ޙުކުމްގައި ބުނެފައިވަނީ ދައުވާގެ ސީޣާގައި ބުނާ ގޮތަށް، ތަލްއަތު ކުރަން އުޅުނު ކަމަކީ އާންމުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަކަށް ވާނީ އައި.އީ.ޑީ ކަމަށް ބުނާ އެއްޗަކީ އަސްލެއް ކަމަށް ވެގެން ކަމަށާއި، އައި.އީ.ޑީއަކީ އަސްލެއް ކަމާމެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރި ކަމަށެވެ.

ދަށު ކޯޓުގައި ތަލްއަތު ވަނީ މުލީއާގެ ކައިރީގައި އޮތް އެއްޗަކީ އަސްލު އެއްޗެއް ނޫންކަމަށް ބުނެފައެވެ. އެހެންނަމަވެސް އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ އެމްއެންޑީއެފްގެ ޚަބީރުންގެ ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށްގެން ކަމަށް ވާތީ، ސުޕްރީމް ކޯޓުން ވަނީ ޚަބީރުންނަކީ ކޮބައިކަމާއި އެ މީހުންގެ ހެކި ބަސް ޝަރީއަތަށް ބަލައިގަތުމުގައި ބަލަންޖެހޭ މިންގަނޑުވެސް ތަލްއަތުގެ ހުކުމްގައި ހިމަނާފައެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި އިތުރަށް ބުނެފައިވަނީ ހުށަހަޅާފައިވާ ވީޑީއޯގައި ފެންނަނީ ހަމައެކަނި އަތަށް އަންގިއެއް ލައިގެން އައިއީޑީ ކަމަށް ބުނާ އެތި، ޕިކަޕްގެ ތެޔޮ ޓޭންކް މަތިން ނަގާތަން ކަމަށާއި، އެ އައި.އީ.ޑީ އާމެދު އަމަލުކޮށްފައިވާގޮތުން ވެސް އެއީ ނުރައްކާތެރި އެއްޗެއް ކަމާމެދު ސުވާލު އުފެދޭކަމަށެވެ. އަދި މި މައްސަލާގައި އިތުރު ތަޙްޤީޤެއް ކުރުމަށް ތަލްއަތުގެ ފަރާތުން އެދިފައިވާތީ އެކަން ޕީޖީ އޮފީހަށް ހުށައަޅައިގެން ކުރިއަށް ގެންދެވިދާނެ ކަމަށް ޙުކުމްގައި ބުނެފައިވެއެވެ. އަދި މައްސަލާގައި ކަމާބެހޭ ފަރާތްތަކުން ޢަމަލުކޮށްފައިވާ ގޮތުން ތަލްއަތު ބޭއްވިކަމަށްބުނާ އައިއީޑީ އަކީ އަސްލެއް ކަމަށް ބަލާނޭ އެކަށީގެންވާ ހެއްކާއި ސަބަބެއް ނެތުމުން އެ ޙުކުމް ބާތިލް ކުރާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމަވާފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބަލާފައިވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން