އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު
އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު
ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގެ މުޤައްރިރުކަމަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު އިންތިޚާބު ކޮށްފިއެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުޤައްރިރު ކަމުގައި ހުންނެވި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ އެ މަޤާމުން މިމަހުގެ 20 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައިވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް މިވަގުތު ތަހުގީގުކުރެވެމުންދާތީ، ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އެންމެ ފުރިހަމަގޮތުގައި އެއްބާރުލުން ދިނުމަށްޓަކައި ކަމަށް ވިދާޅުވެއެވެ. ކޮމިޓީގެ މުގައްރިރު ކަމުގެ މަގާމުން އީސަ އިސްތިއުފާ ދެއްވީ، އޭނާ އެމަގާމުން ވަކި ކުރަން ކޮމިޓީއަށް އެޖެންޑާކޮށް މަސައްކަތް ކުރަމުން ދަނިކޮށެވެ.

ޝިފާއު އިޖްތިމާޢީ ކޮމިޓީގެ މުޤައްރިރުކަމަށް އިންތިޚާބުވީ މިއަދު ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައި ނެގި ވޯޓުންނެވެ. ޝިފާއު އިންތިހާބު ކުރަން ހުށަހެޅި ހުށަހެޅުމުގެ އިތުރުން، މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާންގެ ނަންވެސް މުޤައްރިރުކަމަށް ހުށައެޅިއެވެ. ނަމަވެސް 7 ވޯޓުން މުޤައްރިރަކަށް އިންތިޚާބުވީ ޝިފާއު އެވެ.

މި ވޯޓުގައި މެންބަރު އީސަ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އީސަ ވަނީ ކޮމިޓީގެ މުޤައްރިރުކަމުން އީސަ ވަކި ކުރަން މަސައްކަތް ކުރީ ގޯސްކޮށް ކަމަށް ވިދާޅުވެ، އެ މައްސަލަ ކޮމިޓީއަށް މިއަދު ހުށަހަޅުއްވާފައެވެ.

އީސައަށް ތުހުމަތު ކުރެވުނު މައްސަލާގައި އޭނާ ހައްޔަރު ކުރުމަށް ޕީޖީން ކްރިމިނަލް ކޯޓުގައި އެދުމުން އެކޯޓުން ވަނީ ޕީޖީ އޮފީހުން އެދިފައިވާ ގޮތަށް ތަހުގީގަށް އީސަ ހައްޔަރުކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމާފައެވެ. އަމުރު ނެރެދިނުމަށް ކޯޓުން ދެކޮޅު ހެދި ސަބަބެއް ސާފެެއް ނުވެއެވެ. ޕީޖީ އޮފީހުން ބުނީ ކޯޓު އަމުރު ދިނުމަށް ކޯޓުން ދެކޮޅު ހަދާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަންވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށްވުރެ މަތީކޯޓެއްގެ ކޯޓު އަމުރަކަށް ކަމަށެވެ. މިފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސެކިއުޓާ ޖެނަރަލަށް ހުށަހެޅުމުން ޕްރޮސެކިއުޓާ ޖެނަރަލަށް ފެނިއްޖެނަމަ އޭނާ ކަމަށް އެ މާއްދާގައި ވަނީ ބުނެފައެވެ.

ގެވެށި އަނިޔާ ތުހުމަތުތަށް ދޮގުކޮށް މަޖިލީހުގެ އިޖްތިމާއީ ކޮމެޓީގެ މުގައްރިރުކަމުން އީސަ އިސްތިއުފާ ދެއްވާފައިވާއިރު އެމްޑީޕީން ވެސް ވަނީ އީސައާއި މެދު ފިޔަވަޅު އަޅައި އޭނާ ޕާޓީގެ ގައުމީ މަޖިލީހުންނާއި ކޮމެޓީތަކުގެ މުގައްރިރުކަމުން އެެކަހެރިކޮށްފައެވެ.

އީސަ އޭނާގެ ދަރިފުޅުގެ ކުރިމަތީގައި ކުރީގެ އަނބިމީހާ އަސްރާއަށް އަނިޔާކުރި ކަމަށްބުނެ އޭނާވަނީ ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުން ފަރުވާ ހޯދާފައެވެ. އަސްރާ ވަނީ މިކަމާ ގުޅިގެން ފުލުހުންނަށް ބަޔާންވެސް ދީފައެވެ. އަދި މިއީ ދުވަހަކުވެސް ތަޖުރިބާކުރަން ޖެހޭނެ ކަމެއްކަމަށް ހީވެސް ނުކުރާކަމަށް އަސްރާ ވަނީ ބުނެއެވެ. ނަމަވެސް އީސައާމެދު އަސްރާ ކުރާ ތުހުމަތުތައް އީސަގެ ދޮށީ ދަރި ވަނީ ދޮގުކޮށްފައެވެ. އާންމުކޮށް މިފަދަ މައްސަލަތަކުގައި ސިޔާސީ ބޭފުޅުން ޖަދަލު ކުރަށްވާ ބަޔާންތައް ނެރެހަދާ ބީދައިން އީސަ ކަންކުރެއްވުމުގެ ބަދަލުގައި ހަނު ހުންނެވުމަށް އިހުތިޔާރު ކުރެއްވުމުން ގިނަ ބަޔަކު އަންނަނީ މިކަމުގައި ސުވާލު އުފައްދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން