ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ ހިޔާ މަޝްރޫޢުގެ ފްލެޓްތަކެއް
ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ ހިޔާ މަޝްރޫޢުގެ ފްލެޓްތަކެއް
މިއަދު ހުޅުމާޅޭގައި ބިންގާއެޅި 1000 ހައުސިން ޔުނިޓް ޢިމާރާތްކުރަނީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް މިއަދު މީޑިޔާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މާލެ ސަރަޙައްދުގައި ބޯހިޔާވަހިކަން ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން 3 ކެޓަގަރީގެ ހައުސިން ތަރައްޤީކުރާއިރު މިއަދު އެފަދަ ފުރަތަމަ ޕްރޮޖެކްޓުގެ ބިންގާ އަޅާފައިވާކަމަށެވެ. އަދި އެއީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން އެޕޯލޯ ކުންފުނިން ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތްކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 9 ޓަވަރެއް އެޅުމަށް ނިންމާފައިވާއިރު އޭގެ ތެރޭގައި ކައުންސިލް ހައުސިންގެ ގޮތުގައި ތަރައްޤީކުރާ 120 ޔުނިޓް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 60 ޔުނިޓާ 3 ކޮޓަރީގެ 60 ޔުނިޓެވެ. މީގެ ތެރޭން 2 ކޮޓަރީގެ ޔުނިޓްތައް ނިމޭއިރު އެތަންތަނުގެ ކުއްޔެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 5500 ރުފިޔާއެވެ. އަދި މި ކެޓަގަރީގެ 3 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުއްޔެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 7000 ރުފިޔާއެވެ. މި ޕްރެސްކޮންފަރެންސްގައި މަބްރޫކް ވަނީ އެފޯޑަބުލް ހައުސިންގ ކެޓަގަރީ އަދި މިޑް ލެވެލްގެ ހައުސިންގ ޔުނިޓްތަކުގެ ތަފްޞީލުތައް ވެސް ޙިއްޞާކުރައްވާފައެވެ.

މި ސަރުކާރުން ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކާއި ކުރީގެ އެހެން ހައުސިންގ މަޝްރޫޢުތަކާ ހުރި އެންމެ ބޮޑު ތަފާތަކީ ކުޑަ ކުއްޔެއް ކަނޑައަޅާފައި ވުމާއެކު ޖާގައިގެ ގޮތުން ތަނަވަސް ތަންތަން ކަމުގައިވުންކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

ހިޔާ ފްލެޓްތަކާ ބެހޭ ފަހުގެ މަޢުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ 2021 ޖުލައި 14 އިން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި މިތަންތަނުގެ އެގްރިމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ. އޭގެ އިތުރުން މިހާރު ވެސް ސްޓެލްކޯއިން ހިޔާ ފެލެޓްތަކުގައި ބައެއް މަސައްކަތްތައް ކުރިޔަށް ގެންދާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާބެހޭ ތަފްޞީލުތަކުގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުން ވަނީ ކޯވިޑް-19 މެނޭޖްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ފަހުގެ ތަފްޞީލްތަކާއި މާލެ ސަރަޙައްދުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ކުރިޔަށްއޮތް ދެ ހަފްތާއަށް ގެންނަ ބަދަލުތަކުގެ ތަފްޞީލުތައް މި ޕްރެސް ކޮންފަރެންސްގައި ހާމަކުރައްވާފައެވެ. އަދި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން