ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް
ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް
މިސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިޔާ ލޯނުގެ އިނީޝިއަލް ފަންޑަށް 170 މިލިއަން ރުފިޔާ ކަނޑައަޅައިފައިވާ ކަމަށް ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

"ގެދޮރުވެރިޔާ ލޯނު ސްކީމް"ގެ ދަށުން ހަތް ލައްކަ ރުފިޔާއާއި ހަމައަށް ލޯނު ދޫކުރަން ނިންމާފައިވާއިރު، މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަ ޕަސެންޓް އިންޓްރެސްޓްގަ އެވެ. އެޗްޑީއެފްސީ މެދުވެރިކޮށް ދޫކުރާ އެލޯންގެ ފަންޑު ބަލަހައްޓަމުން ދާނީ އެޗްޑީސީންނެވެ.

އެލޯނާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މި ސްކީމުގެ ދަށުން ލޯނުގެ ގޮތުގައި 242 މީހަކަށް ލޯނު ދޭނެ ކަމަށެވެ. އެގޮތުން ލޯނުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 500،000 ރުފިޔާއާއި 700،000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށާއި، ގިނަ ބަޔަކު އެ ލޯނަށް ޝައުގުވެރިކަން ފާޅު ކުރާނަމަ ފަންޑަށް ފައިސާ އިތުރު ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ހަތްލައްކަ ރުފިޔާއަށް ތިން ކޮޓަރީގެ ގެއެއް ޢިމާރާތް ކުރެވޭނެ ކަމަށެވެ.

މި ލޯނު ދޫކުރަން ހަމަޖެހިފައިވަނީ އަލަށް އިމާރާތް ކުރުމަށް ނުވަތަ ގެ މަރާމާތު ކުރުމަށް ނޫނީ ހަދަން ފަށާފައިވާ އިމާރާތެއް ނިންމުމަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މި ލޯނު އަބުރާ ދެއްކުމަށް 20 އަހަރު ލިބޭނެއެވެ. 20 އަހަރުގެ ތެރޭގައި ކޮންމެ މަހަކު ލޯނަށް 6000 ރުފިޔާއަށް ވުރެ މަތިން ދައްކާކަށް ނުޖެހެއެވެ.

މިލޯނަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ގެދޮރުވެރިޔާ ލޯނު ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން